މިޔަންމާގެ އަސްކަރީން، މިޔަންމާގެ ލީޑަރ އަންގް ސަން ސޫކީގެ އޮސްޓްރޭލިއާ އެޑްވައިޒަރ ހައްޔަރުކޮށްފިއެވެ.

މިއީ، މިޔަންމާގެ އަސްކަރީން މަދަނީ ސަރުކާރު ވައްޓާލައި، ވެރިކަމަށް އަތްގަދަ ކުރިފަހުން ބޭރު ގައުމެއްގެ މީހަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޝޯން ޓާރނެލްއަކީ، މިޔަންމާގެ ލީޑަރ އަންގް ސަން ސޫކީގެ އިކޮނޮމިކް އެޑްވައިޒަރުގެ މަގާމުގައި ހުރި މީހެކެވެ.

އަސްކަރީން އޭނާ ހައްޔަރު ކޮށްފައިވާކަން ޝޯން ޓާރނެލް ހާމަކުރެއްވީ، ރޮއިޓަރސްއަށް ފޮނުވި މެސެޖެއްގައެވެ.

ޝޯން ޓާރނެލް ބުނެފައިވަނީ، އޭނާގެ ކުށަކީ ކޮބައިކަމެއް ސާފު ނުވާކަމަށެވެ.

މިޔަންމާގެ އަސްކަރީން، އެގައުމުގެ މަދަނީ ސަރުކާރު ފެބްރުއަރީ 1 ގައި ވައްޓާލުމަށްފަހު، އަންގް ސަން ސޫކީގެ އިތުރުން، އޭނާގެ ސަރުކާރުގެ ހުރިހާ ވެރިންވެސް ވަނީ ހައްޔަރު ކޮށްފައި ނުވަތަ ގޭގައި ބަންދުކޮށްފައެވެ.

އަސްކަރީން ސަރުކާރު ވައްޓާލީ، ނޮވެމްބަރު 8 ގައި ބޭއްވި ޕާލަމެންޓް އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތައް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށެވެ.

ނޮވެމްބަރު 8 ގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ނަގާފައިވަނީ އަންގް ސަން ސޫކީގެ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީ ޕާޓީންނެވެ. އަސްކަރީން ސަރުކާރު ވައްޓާލީ އާ ޕާލަމެންޓް ފެބްރުއަރީ 1 ގައި ހުޅުވަން ތައްޔާރުވެފައި ވަނިކޮށް އެރޭ ފަތިހުއެވެ.

އަސްކަރީން ކުރި ބަޣާވާތް މުޅި ދުނިޔެ ކުށްވެރިކޮށް، އަސްކަރީ ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަމުން ގެންދާއިރު، ބަޣާވާތާ ދެކޮޅަށް ސޫކީގެ އެތައްހާސް ސަޕޯޓަރުންވެސް ގެންދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ.

މިކަމާހެދި، ޕްރެޝަރ ބޮޑުވެ، ގޮތް ހުސްވެގެން އަސްކަރީން މިހާރުވަނީ މިޔަންމާގައި ފޭސްބުކް ހުއްޓުވައި އަދި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައްވެސް ބަންދުކޮށްފައެވެ.