43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އަރުވައިފައިނުވާ ބޭފުޅުންގެ ރެކޯޑު، ރައީސް އޮފީހުން ހޯއްދެވުމަށްފަހު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންނަށް މިދިޔަ އަހަރު ވަނީ އިނާމު އަރުވައިފައެވެ. ރައީސް ނިންމަވައިފައިވަނީ، ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންގެ ކުށާއި ދަރަނީގެ ރެކޯޑާއި، އަދާކުރެއްވި ވަޒީފާތަކާއި، ވަޒީފާ އަދާކުރެއްވި ގޮތުގެ ތަފްސީލު މައުލޫމާތު، އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައިގެން، އެ ކޮމިޓީން ބައްލަވަންޖެހޭ ކަންތައްތައް ބެއްލެވުމަށްފަހުގައި، އެ ބޭފުޅުންނަށް އިނާމު އެރުވުމަށެވެ.

މިގޮތަށް މި ހަމަޖެއްސެވީ، ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައި، ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ގިނަ ބޭފުޅުންނަށް، އެ ބޭފުޅުންގެ އަމިއްލަފުޅު ރެކޯޑުތައް ހޯއްދެވުމުގައި ދަތިތަކެއް ކުރިމަތިވުމާއި އަދި އޭރު އެ ބޭފުޅުން ހިދުމަތް ކުރެއްވި ބައެއް މުއައްސަސާތައް އުވާލައްވައިފައި ވުމާއެކު، މައުލޫމާތު އެއްކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާތީ، އެކަމަށް ޙައްލެއް ގެނެސްދެއްވުމަށްޓަކައެވެ.

މީގެއިތުރުން 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގައުމީ އިނާމާބެހޭ ކޮމިޓީން ފޮނުއްވުމަށް ނިންމެވުމާ ގުޅިގެން، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް މިހާރު ހުޅުއްވައިލައްވައިފައިވާ ފުރުޞަތުގައި، އެ ބޭފުޅުން އިނާމަށް ނަން ހުށަހަޅުއްވަން ޖެހިވަޑައެއްނުގަންނަވާނެއެވެ.

އަދި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުން ގިނަކަމާއެކު، އެ ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ބޭފުޅުންނަށް އިނާމު އެރުވުމަށް މި އަހަރު ނިންމެވިނަމަވެސް، 40 އަހަރާއި 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ރެކޯޑާއި މަޢުލޫމާތުވެސް ރައީސް އޮފީހުން ހޯއްދެވުމަށްފަހު، ކުރިއަށް އޮތް އަހަރުތަކުގައި، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވާ ގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މި އަހަރު ދެއްވުމަށް ހަމަޖައްސަވައިފައި ވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.