އިނގިރޭސިވިލާތާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 1-0 އިން ކާމިޔާބުކޮށް ބްރެޒިލްއިން ފެންވަރު ދައްކާލައިފިއެވެ.
އިނގިރޭސި ވިލާތުގެ ދަނޑެއް ކަމުގައިވާ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ބްރެޒިލްއިން ނިކުތީ ރެއާލް މެޑްރިޑުގެ ވިނީޝިއަސް ޖޫނިއާގެ އިތުރުން ބާސެލޯނާގެ ރަފީނިއާ ކުރިއަށް ލައިގެންނެވެ.
ރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ދެޓީމުން ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބްރެޒިލްއިން ޖަހާފައިވަނީ މެޗުގެ 80 ވަނަ މިނެޓުގައެވެ. މިލަނޑު ޖަހާފައިވަނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ޒުވާން އެންޑްރިކެވެ. އުމުރުން އެންމެ 17 އަހަރުގެ އެންޑްރިކް ޖެހި މި ލަނޑާއެކު އޭނާ ވަނީ, މަޝްހޫރު ވެމްބްލީ ސްޓޭޑިއަމްގައި ލަނޑެއް ކާމިޔާބު ކުރި އެންމެ ހަގު ކުޅުންތެރިޔާއަށް ވެފައެވެ.
މެޗު ނިމިގެންދިޔައިރު ވެސް އިނގިރޭސި ވިލާތަށް ސުން ކަނޑާނުލެވުމާއެކު, ބްރެޒިލްއަށް ވަނީ 1995 ވަނަ އަހަރަށްފަހު ވެމްބްލީ ސްޓޭޑިއަމްގައި ފުރަތަމަ ފަހަރަށް މޮޅުވެފައެވެ.
މިލިބުނު މޮޅާއެކު ދެން ބްރެޒިލް ނިކުންނާނީ 27 މާރިޗުވާ ބުދަ ދުވަހު ސްޕެއިންއާ ދެކޮޅަށެވެ. މެޗުން ނާކާމިޔާބުވި އިނގިރޭސި ވިލާތް ދެން ކުޅޭނީ 27 މާރިޗުގައި ބެލްޖިއަމްއާ ދެކޮޅަށެވެ.