ފްރާންސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 2-0 އިން ޖަރުމަނު ކާމިޔާބުކޮށްފިއެވެ.
ފްރާންސްގެ ދަނޑެއް ކަމުގައިވާ ގޫޕަމާ ސްޓޭޑިއަމްގައި ކުޅުނު މެޗު ޖަރުމަނުން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެގޮތުން މެޗުގެ ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ, ރިޓައަމަންޓުން އެނބުރި ގައުމީ ޓީމަށް ކުޅެން ނިކުތް ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫސް ފަހިކޮށްދިން ފުރުސަތަކުން, ލެވަކޫސަންއަށް ކުޅެމުން އަންނަ ފްލޯރިއަން ވާޓްޒްއެވެ. ވާޓްޒް ކާމިޔާބު ކުރި ލަނޑާއެކު ޖަރުމަނުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑު ސުން ލަނޑުން ކުރީގައި އޮވެގެންނެވެ.
ޖަރުމަނުން އެޓީމުގެ ލީޑު ދެގޯލަށް ފުޅާކުރީ މެޗުގެ ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާސެނަލްގެ ކައި ހަވާޓްޒްއެވެ. މެޗުގެ ވަގުތު ހަމަވަންދެން ޖަރުމަނުގެ ޑިފެންސް ލައިން ވަނީ ފްރާންސްގެ ހުނަރުވެރި ފޯވާޑުން ހިފަހައްޓާލައި, އެޓީމަށް ސުން ކަނޑާލިޔަ ނުދީ މެޗު ނިންމާލައިފައެވެ.
މިލިބުނު ބޮޑު މޮޅާއެކު ދެން ޖަރުމަނުން ނިކުންނާނީ, 27 މާރިޗުވާ ބުދަ ދުވަހު ނެދަލޭންޑްސްއާ ދެކޮޅަށެވެ. މެޗުން ބަލިވި ފްރާންސް ދެން ކުޅޭނީ ޗިލީއާ ދެކޮޅަށެވެ.