ދިމާވި އިންޖަރީއެއްގެ ސަބަބުން އިނގިރޭސި ވިލާތުގެ ތަޖުރިބާކާރު ސްޓްރައިކަރު ހެރީ ކޭން ގައުމީ ޓީމު ދޫކޮށްލައިފިއެވެ.
ހެރީ ކޭން އިންޖަރީ ވެފައިވަނީ ގައުމީ ޓީމާ ގުޅުމުގެ ކުރިން އޭނާ ކްލަބު ފެންވަރުގައި ކުޅުނު މެޗެއްގައެވެ. އޭނާއަށް ދިމާވެފައިވަނީ ފައިގެ ކުޑަހުޅުގެ އިންޖަރީއެކެވެ. އިންޖަރީ ވެފައި ހުރި ނަމަވެސް އިނގިރޭސި ވިލާތުގެ ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ ކޭން ސްކޮޑުގައި ހިމަނާފައެވެ.
ސްކޮޑުގައި ހިމެނި ކަމުގައިވިއަސް ކޭންއަށް ވަނީ ރޭގައި ބްރެޒިލް އަތުން 1-0 އިން ބަލިވި މެޗުގައި ބައިވެރިވެވޭ ގޮތް ނުވެފައެވެ. އިނގިރޭސިން 27 މާރިޗުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުގައި ކޭންއަށް ބައިވެރި ނުވެވޭނެތީ އޭނާ ވަނީ ގައުމީ ޓީމުގެ ސްކޮޑު ދޫކޮށް, އެނބުރި ޖަރުމަނަށް ފަރުވާއަށް ގޮސްފައެވެ.
އިންޖަރީގެ ސަބަބުން އިނގިރޭސި ވިލާތުގެ އެތައް ކުޅުންތެރިންނެއް ވަނީ ގައުމީ ޓީމުގެ ސްކޮޑު ދޫކޮށް އެނބުރި އެކުޅުންތެރިންގެ ކްލަބުތަކުގެ ގައުމަށް ފަރުވާ ހޯދުމަށް ޓަކައި ގޮސްފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އާސެނަލްގެ ޒުވާން ތަރި ބުކާޔޯ ސާކާއެވެ.