މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިނުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އިނގިރޭސި ވިލާތުގެ ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓު ބުނެފިއެވެ.

ސައުތުގޭޓު މިހެން ބުނެފައިވަނީ ރިޕޯޓުތަކުން, ޔުނައިޓެޑުގެ ބޮޑު ހިއްސާއެއް އޮންނަ ޖިމް ރެޓްކްލިފް ސައުތުގޭޓު ޔުނައިޓެޑަށް ގެންނަން ބޭނުންވާ ކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"އަހަރެން މިވަގުތު މިހުރީ އިނގިރޭސި ވިލާތުގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި. އަހަރެންގެ ހަމައެކަނި ސަމާލުކަން އޮތީ އިނގިރޭސި ވިލާތަށް ޔޫރޯ ކާމިޔާބު ކޮށްދިނުން" ޔުނައިޓެޑަށް ކޯޗުކޮށްދިނުމާ ބެހޭ ގޮތުން ސައުތުގޭޓަށް ރިޕޯޓަރެއް އެހި ސުވާލަށް ޖަވާބުދެމުން އޭނާ ބުންޏެވެ.

މިއަހަރު އޮންނަ ޔޫރޯ ނިމުމުގެ ކުރިން އޭނާގެ ސޮއި ހޯދަން ބޭނުންވާ އެއްވެސް ފަރާތަކާ ވާހަކަނުދައްކާނެ ކަމަށް ސައުތުގޭޓު އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ސައުތުގޭޓު ބުނާ ގޮތުގައި އޭނާގެ ކުރިމަގާ މެދު އެއްޗެއް ބުނަން އެނގޭނީ މިއަހަރުގެ ޔޫރޯގައި އޭނާއަށް ލިބޭ ނަތީޖާއަކަށް ބަލާފައެވެ.