މިއަހަރުގެ ޖޫން މަހު އެމެރިކާގައި ބާއްވާ ކޮޕާ އެމެރިކާގެ ގްރޫޕު ސްޓޭޖުތައް އިއުލާނުކޮށްފިއެވެ.

މިއަހަރުގެ ކޮޕާ އެމެރިކާގައި ޖުމްލަ 16 ޓީމެއް ބައިވެރިވެފައިވެއެވެ. މުބާރާތް ކުރިއަށް ދާނީ 4 ގުރޫޕަކަށް ހުރިހާ ޓީމުތަކެއް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ހިމެނެނީ ޖުމްލަ 4 ޓީމެވެ.

މުބާރާތުގެ ގްރޫޕު "އޭ" ގައި ދުނިޔޭގެ ޗެމްޕިއަނުން ކަމުގައިވާ އާޖެންޓީނާގެ އިތުރުން, މުބާރާތުގައި އަލަށް ވާދަކުރާ ގައުމެއް ކަމުގައިވާ ކެނެޑާ ހިމެނެއެވެ. ސައުތު އެމެރިކާގެ ދެގައުމު ކަމުގައިވާ ޗިލީއާއި ޕެރޫ ވެސް މި ގުރޫޕުގައި ހިމެނެއެވެ.

ގުރޫޕު "ބީ" ގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ މެކްސިކޯއާއި އަވައްޓެރި ދެ ގައުމު ކަމުގައިވާ ވެނެޒުއެލާ އަދި އެކުއަޑޯގެ އިތުރުން ޖަމައިކާއެވެ.

ގުރޫޕު "ސީ" ގައި ފުޓުބޯޅަ ދުނިޔޭގައި ބާރަށް ކުރިއަރަމުން އަންނަ އެމެރިކާއާއި އުރުގުއާއީ ވާދަކުރެއެވެ. މިގުރޫޕުގައި ދެން ކުޅޭ ދެޓީމަކީ ޕެނެމާއާއި ބޮލީވިއާއެވެ.

ގްރޫޕު "ޑީ" ގައި ފުޓުބޯޅަ ދުނިޔޭގެ ގަދަ ބާރެއް ކަމުގައިވާ ބްރެޒިލްގެ އިތުރުން ކޮލަމްބިއާ ވާދަކުރެއެވެ. މީގެ އިތުރުން ޕެރެގުއޭއާއި ކޮސްޓާ ރީކާ ވެސް މި ގުރޫޕުގައި ވާދަކުރެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅެން ހަމަޖެހިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ އާޖެންޓީނާއާއި ކެނެޑާއެވެ. އެމެރިކާގެ މަސޭޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅޭ މިމެޗު ކުޅޭނީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.