ފަލަސްތީނުގެ ސްޓޭޓެއް ގާއިމު ކޮށްގެން ނޫނީ އިޒްރޭލާއި ހަމާސްއިން ކުރަމުން އަންނަ ހަނގުރާމަ ނުހުއްޓުވޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ކުރީގެ އިންޓެލިޖެންސސް ޗީފް ތުރްކީ އަލް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ އަރަބް ނިއުސް ޓީވީ ޗެނަލް އިން ބާއްވާ "ފްރޭންކްލީ ސްޕީކިންގް" ޕުރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައިވަނީ ސައުދީއިން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ސައުދީއިން އަދިވެސްް ދެކޭގޮތުގައި މި ހަނގުރާމައިގެ ހައްލަކީ ފަލަސްތީނުގެ ސްޓޭޓްއެއް ގާއިމު ކުރުން ކަމަށް ތުރްކީ އަލް ފައިސަލް ވިދާޅުވިއެވެ.

އޮކްޓުބަރު 7ގެ ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގައި 32,226 އަށްވުރެގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެތެެރޭގައި 13،000 އަށް ވުރެގިނަ ކުޑަކުދިން ހިމެނެއެވެ. އަދި ބަނޑުހައި ހޫނު ކަމަށް ކެތް ނުކުރެވިގެން ޝަހީދުވި އެތައް ބަޔަކު ހިމެނެއެވެ. އަދި 74,518 އަށް ވުރެގިން މީހުން ޒަހަމް ވެފައިވާ އިރު، މީގެ 70 އިންސައްތަ ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ.