އައްޑޫ ސިޓީ ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި ހިންގަމުން އައި ފުލޫ ކުލިނިކް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބަދަލު ކުރުމަށްފަހު އަނެއްކާ ވެސް އެޗުއާރުއެޗަށް ބަދަލު ކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލޫކުލިނިކް އެތަނަށް ބަދަލުކޮށްފައިވަނީ ރެއިން ފެށިގެންނެވެ.

ފުލޫ ކުލިނިކް އެތަނަށް ބަދަލުކުރީ އިއްޔެ އިން ފެށިގެން އައްޑޫ ސިޓީ އިން ކޮވިޑްގެ އިތުރު ކޭސްތަކެއް ފެންނަން ފެށުމުންނެވެ. މިހާތަނަށް ވަނީ އައްޑޫ ގުޅިފައިވާ ރަށްރަށުން 4 ކޭސް ފެނިފައެވެ. އެއީ 3 ފިރިހެނުންނާއި އަންހެނެކެވެ. އެ މީހުންނާ ކޮންޓެކްޓިވި ފަރާތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންނާ ކޮންޓެކްޓްވެފައިވާ މީހުގެ ޢަދަދު މިހާރުވެސް 30 އިން މަތިއެވެ.

އިއްޔެ ފެނުނު 4 މީހުންގެ އިތުރުން އައްޑޫ ހުޅުދޫ/މީދޫ އިން ވެސް ވަނީ 18 ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ. އެއީ އެރަށުގައި ހުންނަ އެމްޓީސީސީ ސައިޓުގައި މަސައްކަތްކުރާ މީހުންނެވެ.

ކުރީގެ އެޗުއާރުއެޗު މިހާރު ތައްޔާރު ކޮށްފައިވަނީ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ. އެހެންނަމަވެސް މިހާތަނަށް އެތަނަށް އެއްވެސް މީހަކު ގެންގޮސްފައެއް ނުވެއެވެ.

އެތަން ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރު ކޮށްފައި ވިޔަސް އެތަނުގައި ހުރީ އެންމެ ވެންޓިލޭޓަރެއް ކަމަށް އެނގިފައި ވެއެވެ. މަދުވެގެން އެތަނަށް 12 ވެންޓިލޭޓަރު ބޭނުންވާނެ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.