ކޮންކެފް ނޭޝަންސް ލީގުގެ ފައިނަލުގައި މެކްސިކޯ އަތުން 2-0 އިން މޮޅުވެ އެމެރިކާއިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުއްލާލައިފިއެވެ.
އެމެރިކާގެ ދަނޑެއް ކަމުގައިވާ އޭޓީއެންޓީ ސްޓޭޑިއަމްގައި ކުޅުނު ވާދަވެރި ފައިނަލުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ އެމެރިކާއެވެ. އެމެރިކާއިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބޯންމައުތުއަށް ކުޅެމުން އަންނަ ޓައިލާ އެޑަމްސްއެވެ. އެޑަމްސްގެ ގޯލާއެކު އެމެރިކާއިން ފުރަތަމަ ހާފު ނިންމާލީ އެއް ގޯލުގެ ފަރަގުން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އެމެރިކާއިން ވަނީ އެޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި އެމެރިކާގެ ޖިއޮވާނީ ރެއިނާ ވަނީ ލަނޑު ޖަހާ އެޓީމުގެ ލީޑު ދެގޯލަށް ފުޅާ ކޮށްދީފައެވެ. މެޗުގައި މެކްސިކޯއަށް ސުން ކަނޑާނުލެވުނުއިރު, އެމެރިކާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ދެ ހަމަލާއެވެ.
އެޑަމްސްއާއި, މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރި ރެއިނާގެ ދެގޯލުން އެމެރިކާ ވަނީ ފައިނަލު ކާމިޔާބުކޮށް, ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތުގެ ތަށި ހިއްލާލާފައެވެ. އެއާއެކު އެމެރިކާ ވަނީ, 2018 ވަނަ އަހަރު އުފެދުނު ކޮންކެފް ނޭޝަންސް ލީގުގެ ތާރީހުގައި މިހާތަނަށް ކުރިއަށް ދިޔަ ތިން މުބާރާތް ވެސް ކާމިޔާބުކުރި ޓީމަށް ވެފައެވެ.