އެކުއަޑޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 2-0 އިން ފަސޭހަކަމާއެކު އިޓަލީއިން ކާމިޔާބު ކޮށްފިއެވެ.
އެމެރިކާގެ ދަނޑެއް ކަމުގައިވާ ރެޑްބުކް އެރީނާގައި ކުޅުނު މެޗު އިޓަލީއިން ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ފުރަތަމަ ތިން މިނެޓު ތެރޭގައި އެޓީމު ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ރޯމާއަށް ކުޅެމުން އަންނަ ލޮރެންޒޯ ޕެލެގްރިނީ ޕެނަލްޓީ އޭރިއާ ބޭރުން ކާމިޔާބު ކުރި ލަނޑެކެވެ. ޕެލެގްރިނީގެ ލަނޑާއެކު އިޓަލީއިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑު ސުން ލަނޑުން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އެކުއަޑޯ ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް އެތައް ފުރުސަތުތަކެއް ފަހިކޮށްފައެވެ. ނަމަވެސް އެފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި އެޓީމަށް ވަނީ ނުހިފިފައެވެ.
އިޓަލީއިން އެޓީމުގެ ފަހު ލަނޑު ކާމިޔާބު ކުރީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ, ރިކޯޑޯ އޯސޮލިނީ ފަހި ކޮށްދިން ފުރުސަތަކުން ނިކޮލާ ބެރެއްލާއެވެ. ބެރެއްލާގެ ލަނޑާއެކު އިޓަލީ ވަނީ އެކުއަޑޯ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކުރި ހޯދައި މެޗު ކާމިޔާބު ކޮށްފައެވެ.