ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010/7) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

މިބިލަކީ، 2024 މާރިޗު 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އަދި (ކ) އަށެވެ.

މި ބިލުގައި ވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާއިރު އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް 1 (އެކެއް) އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ، ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިހާބަށް ފަހުގައިކަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމަށް 1 (އެކެއް) އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތްނަމަ، މި އިސްލާހުގައި ވާގޮތަށް އެ ރަށް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، ސިޓީއަކަށް ބަދަލުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެހިނދުން ފެށިގެން އުވުނީކަމަށާ އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުން ގެންދިޔަ ހިދުމަތްތައް ކުރިއަށް ގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލުންކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.