ބަންގްލަދޭޝްގެ 53 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީނަށާއި ބޮޑުވަޒީރު ޝައިޚް ހަސީނާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ބަންގްލަދޭޝްގެ ރައީސްއަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އެގައުމުގެ 53 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އިހުލާސްތެރިކަމާއެކު އެގައުމުގެ ރައްޔިތުންނަށްވެސް ފޮނުއްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި ދެގައުމުގެ ދެމެދު އޮންނަ އަހުވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި ދެގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

މީގެއިތުރުން މި މެސެޖު ނިންމަވާލައްވާފައި ވަނީ ބަންގްލަދޭޝްގެ ރައީސްއަށާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހާތާއި ދުޅަހެޔޮކަން، އަދި އެގައުމަށާއި އެގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.