ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި 2-1 އިން ޖަރުމަނު މޮޅުވެއްޖެއެވެ.
ޖަރުމަނުގެ ޑޮއިޗާ ބޭންކް ޕާކު ސްޓޭޑިއަމްގައި ގައި ކުޅުނު މެޗު ނެދަލޭންޑްސްއިން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗު ފެށިގެން 4 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯއީ ވީމަންއެވެ.
ނެދަލޭންޑްސައަށް މެޗުގެ ލީޑު ހިފެހެއްޓުނީ އެންމެ 7 މިނެޓަށެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މެކްސިމިލިއަން މިޑިލްސްޓަޓްއެވެ. މެކްސިމިލިއަންގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ޖަރުމަނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް, ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެ ގޮތުން އެޓީމުން ވަނީ މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި ލަނޑަކީ, ރިޓައަމަންޓުން އެނބުރި އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓޯނީ ކްރޫސް ފަހި ކޮށްދިން ފުރުސަތަކުން ނިކްލަސް ފޫލުކްރޫގު ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މެޗުގެ ފަހު ވަގުތުގައި ފޫލްކްރޫގް ކާމިޔާބު ކޮށްދިން ލަނޑާއެކު ޖަރުމަނުން ވަނީ މި އިންޓަނޭޝަނަލް ބްރޭކުގައި އެޓީމުން ކުޅުނު ދެވަނަ އެކުވެރިކަމުގެ މެޗު ވެސް ކާމިޔާބު ކޮށްފައެވެ.