ޑީސެލާއި ޕެޓްރޯލުން ވައްކަން ކުރަމުންދާތީ އެކަން ހުއްޓުވޭފަދަ ނިޒާމެއް މިއަހަރު ތަޢާރަފް ކުރައްވާނެ ކަމަށް އެލާމްސް ޕްރައިވެޓް ލިމިޑެޓްގެ ވެރިޔާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ މިފަދަ ނިޒާމެއް ތަޢާރަފް ކުރައްވަން ނިންމެވީ ރިސޯޓުތަކާއި ކުންފުނިތަކާއި ބައެއް ރަށްރަށުގައި ތެލުގެ ވިޔަފާރިކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯއްދަވައި ދެއްވުމުގެ ގޮތުން ކަމަށެވެ.

"ކުންފުނިތަކާ ރިސޯޓް ތަކުގެ ޑީސަލް ނުވަތަ ޕެޓްރޯލް ތާންގީ ތަކުން ވައްކަން ކުރުމުގެ މައްސަލަ ވެސް ދޭތެރެދޭތެރެއިން އަންނަނީ ތިލަވަމުން. މިއީ ޙައްލެއް ބޭނުންވެފައިވާކަމެއް. ސަރުކާރު ކުންފުންޏަކުން ވަރަށްފަހުން ވަނީ މިފަދަ ކަމެއް ހިނގާފައި އެހެން ކަމުން އެކަން ހުއްޓުވަން މިއަހަރު މިދަނީ މަސައްކަތް ކުރަމުން،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ މިފަދަ ޚިދުމަތްތަކީ ވިޔަފާރިވެރިންނަށް ވަރަށް ބޭނުންތެރި ޚިދުމަތެއް ކަމަށެވެ. މިފަދަ ޚިދުމަތަކަށް އެދިއެދި ތިބި ވިޔަފާރިތައް ވަރަށް ގިނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ނިޒާމާބެހޭ ގޮތުން ޢުމަރު ވިދާޅުވީ ކޮންމެ ޕްޓްރޯލް ނުވަތަ ޑީސެލް ތާނގީއެއްގައި ހަރުކުރާނީ ޑިވައިސްއެއް ކަމަށެވެ. އޭގެ ސަބަބުން ތެޔޮ ނެގޭ މިންވަރާއި ވިއްކޭ ވަރާއި އަލުން ތެޔޮ އަޅާވަރު އޮޓޯއިން ފެންނަން ހުންނާނެ ކަމަށެވެ. "އެކައުންޓު ޑިޕާޓުމަންޓުން ޖެހެނީ އެ ސިސްޓަމް މޮނިޓަރކޮށް ބަލަހައްޓަން ހަމައެކަނި،" ޢުމަރު ވިދާޅުވިއެވެ.ޢުމަރު ވިދާޅުވީ ސައިކަލް ގެއްލޭ މައްސަލައަށް ވެސް ޙައްލެއް ހޯދައިދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަންކުރާނީ ސައިކަލުގައި ހަރުކުރާ ޑިވައިސްގެ ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ސައިކަލާއި އޭގެ ވެރިމީހާއާ ދެމެދު މުވާސަލާތު ކުރެވޭނެ އެވެ. "ސައިކަލު ގެއްލުމުން ވެރިމީހާ ޖެހޭނީ ސައިކަލަށް އެސްއެމްއެސް އެއް ކޮށްލަން ސައިކަލު ކޮބައިތޯ ކިޔާފައި. އެއަށް ރިޕްލައިކުރާނެ އެ ޑިވައިސް އިން. ވަގަށް ނަގާ ފަރާތުން އެ ޑިވައިސް ތަޅާ ކުދިކޮށް ހަލާކުކުރިޔަސް އެންމެ ފަހުވަގުތުވެސް ސައިކަލް އަންގާނެ އެހުރިތަނެއް،" ޢުމަރު ވިދާޅުވިއެވެ. މި ނިޒާމްގެ ސަބަބުން ސައިކަލްތައް ވަގަށް ނެގުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެއެވެ.

މިހާރުވެސް އަހަރެއްގެ މައްޗަށް މާލެއިން އެވްރެޖުކޮށް 1200 ސައިކަލު ވަގަށްނަގާ ކަމަށް ވެއެވެ. "ގިނަ މީހުން ސައިކަލް ނަގަނީ އިންސްޓޯލްމެންޓަށް ފައިސާ ދައްކާ ގޮތަށް. ފައިސާ ހަމަނުވަނީސް ސައިކަލް ވަގަށް ނެގިޔަސް އެއްކަލަ ފައިސާ އެބަޖެހޭ ދައްކަން. މިއީ ސައިކަލް އިންސްޓޯލްމެންޓަށް ނެގި މީހާއަށް ލިބޭ ބޮޑު ގެއްލުމެއް. އެހެންވީމާ ކުޑަ ޚަރަދަކުން އަގުބޮޑު މުދާ ރައްކާތެރިކޮށްދިނުމުގެ ޚިދުމަތް ފަށަން ތައްޔާރު މިވަނީ،" ޢުމަރު ވިދާޅުވިއެވެ.

ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން މުދާ ރައްކާތެރި ކޮށްދިނުމާއި ވަގުންގެ އަތްދަށުން މުދާ ހިމާޔަތް ކޮށްދިނުމުގައި ޢުމަރުގެ އެލާމް ވަނީ 25 އަހަރު ހޭދަކޮށްފައެވެ.