އިނގިރޭސި ވިލާތާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 2-2 އިން ބެލްޖިއަމްއިން އެއްވަރުކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 11 މިނެޓު ތެރޭގައި ބެލްޖިއަމް ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔޫރީ ޓިލަމަންސްއެވެ. އޭގެ 6 މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށް އައިވަން ޓޯނި ވަނީ އިނގިރޭސި ވިލާތަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ޓިލަމަންސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ ބެލްޖިއަމްއަށް ލީޑު ރުޖޫއަ ކޮށްދީފައެވެ. އިނގިރޭސި ވިލާތަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖޫޑް ބެލިންގްހަމެވެ.

ފަހު ވަގުތު ބެލިންގްހަމް ޖެހި ލަނޑާއެކު މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.