ފ. ނިލަންދޫގައި މި ސަރުކާރުން އަޅަން ވައުދުވި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ނިލަންދޫ އެއަރޕޯޓް ހެދުމަށް ހިއްކުމަށް ހަމަޖެހިފައި ވަނީ 42.6 ހެކްޓަރުގެ ބިން ކަމަށެވެ. އަދި ދެ ކިލޯމީޓަރަށް ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިމަޝްރޫއުއަށް ނިންމަން އެމްޓީސީސީއަށް ދީފައި ވަނީ 390 ދުވަހެވެ.

ނިލަންދޫ އެއަރޕޯޓް ހެދުމުގެ މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ޢަބްދުﷲ ޒިޔާދެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ، ޑރ.ޢަބްދުﷲ މުއްތަލިބެވެ.