"ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް" މިރޭ ރާއްޖޭގައި ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައްވެ ނިމިއްޖެއެވެ. މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވާނީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއެވެ.

ކެރަމް އެސޯސިއޭޝަންގެ ފަރާތުން މުހައްމަދު އަދުހަމް "ހަލިނިއުސް" އަށް މައުލޫމާތު ދެއްވި ގޮތުގައި, މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގެ ފުރަތަމަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ސްވިސް ލީގެވެ. މުބާރާތުގެ ދެވަނަ ދުވަސް ހާއްސަ ކުރެވިފައިވަނީ ޑަބަލްސް އިވެންޓަށް ކަމަށްވާއިރު, ތިން ވަނަ ދުވަހު ކުޅެވިގެންދާނީ މުބާރާތުގެ ޓީމް އިވެންޓެވެ. މުބާރާތުގެ ފަހު ދެ ދުވަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިންގަލްސް އިވެންޓެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މުބާރާތުގައި, ރާއްޖެ ހިމަނައިގެން ޖުމްލަ ހަތް ގައުމަކުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް, ސްރީ ލަންކާ, އިންޑިއާ, ދެކުނު ކޮރެއާ, މެލޭޝިއާ އަދި ސިންގަޕޫރެވެ.

އިއްޔެގެ ވަގުތެއްގައި މުބާރާތުގެ ބައިވެރިވާ ދެ ގައުމު ކަމުގައިވާ ބަންގްލަދޭޝް އާއި މެލޭޝިއާގެ ޓީމު ވަނީ ރާއްޖެ އައިސްފައެވެ. މިއަދު ހެނދުނު ލަންކާގެ ޓީމު ރާއްޖެ އައިސްފައިވާއިރު, މުބާރާތުގައި ކުޅޭ އެހެން ހުރިހާ ޓީމުތަކެއް ވެސް މިއަދު ރާއްޖެ އަންނާނެ ކަމަށް ކެރަމް އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.

މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތަކެއް ވެސް މަޑުކުރަން ހަމަޖެހިފައިވަނީ މާލޭގެ ބުރުޒު މަގުގައި ހުންނަ ހޮޓަލެއް ކަމުގައިވާ "ދިމްޔާތު ސްޓޭ" ގައެވެ. އެގޮތުން ރާއްޖޭގެ ޓީމު ވެސް ވަނީ މިއަދުގެ ވަގުތެއްގައި ވަނީ އެ ހޮޓަލުގައި ކޭމްޕް ކޮށްފައެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަންގެ އެއްބާރުލުމާއެކު ބާއްވާ "އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް" ގެ މެެއިން ސްޕޮންސަރަކީ ވިޒިޓް މޯލްޑިވްސްއެވެ. ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ ފަރާތުން ހޯސްޓު ކުރެވިގެންދާ މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ ވެލިގާގެ އިތުރުން އަލިތޯ އެވެ. މުބާރާތުގެ އިވެންޓް ޕާޓްނަރުންނަކީ ޕްރޯފްލެކްސް އާއި އޯލް އެޑިޝަންއެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖެހިފައިވާ އިރު, ޓްރާންސްޕޯޓު ޕާޓްނަރަކީ އެމްޓީސީސީއެވެ. މުބާރާތުގެ ޕްރިންޓިން ފާޓްނަރުގެ ގޮތުގައި ރެޑް ކްރިއެޓިކް ހަމަޖެހިފައިވާ އިރު, މުބާރާތުގެ ކޭޓަރިންގް ޕާޓްނަރުގެ ގޮތުގައި މަސައްކަތް ކުރާނީ ސައުތު ކޭޓަރިންގްއެވެ.