ހުޅުމާލެ ފޭސް 2ގައި ގާއިމުކުރާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް 2 ގައެވެ.

މި ރަސްމިއްޔާތުގައި ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމެވެ.

މި ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މި ނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށާއި އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ގާއިމުކުރާ ފެސިލިޓީއެކެވެ.

މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަޙައްދަކާއި، ކްލިނިކަކާއި، ފާމަސީއާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.

މީގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތަކަށްވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ މި ފެސިލިޓީން ލިބިގެންދާނެއެވެ. އަދި މި ފެސިލިޓީ ގާއިމުކުރުމުން މާލެ ސަރަހައްދުގައި ބުޅާތައް ގިނަވެފައި ވުމުން ކުރިމަތިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

އަދި މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްވެސް މެއެވެ.