ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ހާއްސަކޮށް ރަމަޟާންމަހުގައި ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިހެން ވިދާޅުވީ މަރްހޫމް އިބްތިހާލްގެ ހަނދާނުގައި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)ގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތް 1445ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވަނީ ކެޕްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތެއް ކުރިޔަށްގެންގޮސްފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކަންކަމަކީ ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައިވެސް މުހިންމުކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ޖަލްސާގައި މި މުބާރާތުން 1ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވިފައިވާ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

މީގެއިތުރުން ޖުމްލަ 53 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތަކީ ވިލިމާލޭގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އަދި މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ޖުމްލަ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން އަދި ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފުރުސަތު ހުޅުވާލައިގެންނެވެ.