ދިވެހި ފުލުހުންގެ 91 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވައިފިއެވެ.

އެގޮތުން މާލޭގައި ބޭއްވި ދިދި ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގެ ވަޒީރު އިހުސާން އަލީ އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ އަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ހާއްސަ ދުއާއެއް ކޮށްފައިވެއެވެ. ފުލުހުންގެ އަޒުމް އިސްވެ ވިދާޅުވެދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީއެވެ. ދުޢާ އިސްވެ ވިދާޅުވެދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރުއެވެ.

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މާލޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ރާއްޖޭގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ. އެރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.