މުޒާހަރާތަކަށް މީހުން ނުކުތުމަށް ހުރަސްއެޅުމުގެ ގޮތުން، ސޯޝަލް މީޑިއާ ބްލޮކްކުރި ނަމަވެސް، މިޔަންމާގެ އަސްކަރީންނާ ދެކޮޅަށް އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

ރައްޔިތުން އިންތިޚާބު ކޮށްފައިވާ އަންގް ސަން ސޫކީގެ ސަރުކާރު ވައްޓާލައި، އަސްކަރީން ވެރިކަމުގެ މައްޗަށް އަތްގަދަކުރީ މި ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުއެވެ.

އަސްކަރީން ގެނައި އިންގިލާބާ ދެކޮޅު ހެދުމަށް އާންމުން ވަރުގަދަ މުޒާހަރާތަކެއް ފެށީ އިއްޔެއެވެ.

މިޔަންމާގެ އެންމެބޮޑު ސިޓީ ކަމަށްވާ ޔަންގޫންގެ މަގުތަކަށް ނުކުމެފައިވާ މީހުން ތިބީ، ރަތްކުލައިގެ ޓީޝާޓްލައި، ރަތްކުލައިގެ ދިދައާއި ރަތް ޕުއްޕާހަން ހިފައިގެންނެވެ.

ރަތްކުލައަކީ އަންގް ސަން ސޫކީގެ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީ ޕާޓީ ރަމްޒުކޮށްދޭ ކުލައެވެ.

ޔަންގޫންގެ މަގުތަކަށް ނުކުމެފައިވާ އާންމުން ގޮވަމުން ގެންދަނީ "އަސްކަރީ ޑިކްޓޭޓަރޝިޕެއް" ބޭނުން ނުވާ ކަމަށާއި، އެމީހުން ބޭނުންވަނީ ޑިމޮކްރަސީ ކަމަށެވެ. "އަސްކަރީންގެ ބޫޓުދަށުގައި" އުޅޭން ބޭނުން ނުވާކަމަށްވެސް ގޮވަމުންދެއެވެ.

މުޒާހަރާކުރާ މީހުން ބުނަމުންދަނީ، މިކަން ކޮޅެއްގައި ޖައްސާފައި ނޫނީ ހުއްޓާނުލާނޭ ކަމަށެވެ.

"ބަޣާވާތް އަހަރެމެން ބަލައެއް ނުގަންނާނަން. މުޒާހަރާ މިކުރަނީ މުސްތަގްބަލަށްޓަކައި" އުމުރުން 22 އަހަރުގެ ޒުވާނެއް

މުޒާހަރާގެ ބައިވެރިން އެކި ހިސާބުތަކުގައި ހިނގަމުންދާއިރު، ސިފައިން އެކި ދިމަދިމާގައި ބެރިކޭޑު ޖަހައިގެން ތިބި ނަމަވެސް، މުޒާހަރާގެ ބައިވެރިން ހުއްޓުވަން މަސައްކަތެއް ނުކުރެއެވެ.

ޔަންގޫންގެ މަގުތަކަށް އިއްޔެ ނުކުތް މީހުންނަށްވުރެ މިއަދު ނުކުމެފައިވާ މީހުންގެ އަދަދު އެތައްގުނަ އިތުރުކަމަށް މީޑިއާއިން ބުނެއެވެ.

މީހުން މަގުތަކަށް ނުކުތުން މަދުކުރަން ނުވަތަ ހުއްޓުވުމުގެ ގޮތުން އަސްކަރީ ވެރިންގެ އަމުރަށް މިޔަންމާއިން އިންޓަރނެޓުގެ ޚިދުމަތް ކަނޑާލީ އިއްޔެއެވެ.

ނަމަވެސް ދުނިޔެއާއި އެތެރޭގެ ފިއްތުންތަކާހެދި އިންޓަރނެޓްގެ ބައެއް ޚިދުމަތްތައް މިއަދު އަލުން ދޭން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން، އެމްޕީޓީ، އުރީދޫ، ޓެލެނޯރ، މައިޓެލްގެ ޚިދުމަތް ހޯދާ މޮބައިލް ކަސްޓަމަރުންނަށް މިހާރު މޮބައިލް ފޯނުން އިންޓަރނެޓް އަދި ވައިފައިގެ ޚިދުމަތް ލިބޭ ކަމަށް މީޑިއާއިން ބުނެއެވެ.