ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަނަކަށް އެންސްޕާގެ މެނޭޖިން ޑިރެކްޓަރު ހީނާ ވަލީދު ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް ޕީއެންސީން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ހީނާ އައްޔަންކުރައްވާފައިވަނީ އިއްޔެ ކަމަށެވެ.

މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ހީނާ މިއަދާ ހަމައަށް ހުންނެވީ ޕީޕީއެމްގެ ތަރުޖަމާނު ކަމުގެ މަގާމުގައެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި 90 ދާއިރާއަކަށް ވާދަކުރެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އޮންނަނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.