އަންނަ ސީޒަނުގައި ވެސް ބަޔާ ލެވަކޫސަންގެ ކޯޗު ކަމުގެ މަގާމުގައި ހުރުމަށް ޒަބީ އެލޯންސޯ ނިންމައިފިއެވެ.

އޭނާ އެހެން ނިންމާފައި މި ވަނީ އެތައް ބަޔަކު, އޭނާ ލިވަޕޫލުގެ ކޯޗަށް ދެން އަންނަ ސީޒަނުގައި ވާނެ ކަމަށް ބުނަމުން އައި ދަނޑިވަޅެއްގައެވެ. މި ސީޒަން ނިމުމުން ލިވަޕޫލު ދޫކޮށްލާނެ ކަމަށް މިހާރު އެކްލަބުގެ ކޯޗު ކަމުގައި ހުރި ޔާގަން ކްލޮޕު އެންގުމާއެކު, ހުރިހާ ފަރާތްތަކުން އައީ ޒަބީ އެލޮންސޯ ލިވަޕޫލަށް ދާނެ ކަމަށް ލަފާ ކުރަމުންނެވެ. ނަމަވެސް އެލޮންސޯ ހާމަ ކުރާ ގޮތުގައި ލެވަކޫސަން ދޫކޮށް އެހެން ކްލަބަކަށް ދާކަށް އޭނާ އަދި ނުވިސްނައެވެ.

"އަހަންނަށް އެނގޭ އަހަރެންގެ ކުރިމަގާ މެދު ވަރަށް ގިން ވާހަކަތަކެއް ދެކެވިއްޖެ ކަން. އަހަރެން އަދި ނުވިސްނަން ލެވަކޫސަން ދޫކޮށްލާކަށް. މި ކްލަބުގެ ކުޅުންތެރިންގެ ފަރާތުން ފެންނަ ޖޯޝާއި ފޯރީގެ ސަބަބުން އަހަރެން ބޭނުމެއް ނޫން އަދި ކްލަބު ދޫކޮށް ދާކަށް. ލެވަކޫސަންގައި މަޑު ކުރުމަކީ އެންމެ ރަނގަޅު ނިންމުން ކަމާ މެދު އަހަރެންގެ އެއްވެސް ޝައްކެއް ނެތް" ލެވަކޫސަންގައި މަޑު ކުރުމަށް ނިންމި ނިންމުން އާއްމު ކުރަމުން އެލޯންސޯ ބުންޏެވެ.

އެލޯންސޯ މިހާރު ކޯޗު ކޮށްދެމުން އަންނަ ލެވަކޫސަން އޮތީ ޖަރުމަނުގެ ބުންޑަސްލީގާއެ އެއްވަނައިގައެވެ. މި ދިޔަ 10 ވަރަކަށް އަހަރު ޖެހިޖެހިގެން ބުންޑަސްލީގާގެ ތަށި ކާމިޔާބު ކުރަމުން އައި ބަޔާނަށްވުރެ 10 ޕޮއިންޓު ގިނައިން ހޯދައިގެން އެއްވަނައިގައި އޮތް ލެވަކޫސަން މި ސީޒަނުގައި އަދި އެއްމެ ފަހަރަކު ވެސް ބަލިވެފައެއް ނުވެއެވެ.

އެލޯންސޯގެ އިރުޝާދުގެ ދަށުން ލެވަކޫސަންއަށް އައިސްފައިވާ ކުރިއެރުން ތަކުގެ ސަބަބުން އޭނާ ވަނީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ކޯޗަށް ވެފައެވެ.