އާސެނަލްގެ ކޯޗު މިކެލް އާޓެޓާގެ ތައުރީފުގެ ބަސްތައް ވާދަވެރި މެންޗެސްޓާ ސިޓީގެ ކޯޗަށް ރައްދުކޮށްފިއެވެ.

މާދަމާ ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން އާޓެޓާ ވަނީ ގާޑިއޯލާގެ ހުނަރުވެރިކަމަށް ތައުރީފު ކޮށްފައެވެ.

"ގާޑިއޯލާއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗު. އޭނާއަކީ ފުޓުބޯޅަ ދުނިޔޭގައި އަހަންނަށް ފެނުނު އެންމެ ރަނގަޅު އެކަކު. އަހަރެން ސިޓީގައި އޭނާއާ އެއްކޮށް މަސައްކަތް ކުރި އިރު ވެސް އޭނާގެ ހިތްހެޔޮކަން އަހަންނަށް ފާހަގަވި" ގާޑިއޯލާގެ ހުނަރުވެރިކަމަށް ތައުރީފު ކުރަމުމް އާޓެޓާ ބުންޏެވެ.

2019 ވަނަ އަހަރު އާސެނަލްގެ ކޯޗުކަމާ ހަވާލު ވުމުގެ ކުރިން އާޓެޓާ ވަނީ މެންޗެސްޓާ ސިޓީގައި ގާޑިއޯލާއާއެކީ 3 އަހަރު މަސައްކަތް ކޮށްފައެވެ. އާޓެޓާ ހާމަކުރާ ގޮތުގައި މިހާރު ވާދަވެރިންގެ ގޮތުގައި ތިބި ނަމަވެސް ގާޑިއޯލާއަކީ އޭނާ އަބަދު ވެސް ވަރަށް ގަދަރުވެރި ވާނެ ފަރާތެކެވެ.

މާދަމާގެ މެޗަށް އާސެނަލް ނިކުންނަ އިރު އެޓީމުގެ އޮތީ 64 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި 63 ޕޮއިންޓާއެކު އޮތް ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި އާސެނަލްއިން ނިކުންނައިރު, އެޓީމުން ސިޓީގެ ދަނޑުގައި އެންމެ ފަހުން ކުޅުނު 8 މެޗުން ވެސް ވަނީ މޮޅުވެވޭ ގޮތް ނުވެފައެވެ. އާސެނަލް އާއި ސިޓީ މާދަމާ ބައްދަލުކުރާ މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހިއްލާލުމަށް މަސައްކަތް ކުރަމުންދާ ދެޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ.