ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުސަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން ކުރިޔަށްގެންދަވާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަމަޟާންމަހުގެ ފަހު 10 ގައި ކޮންމެހެން ހިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. އަދި ހަމަ އެހެންމެ މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅުއްވާފައެވެ. އަދި ކާޑުގެ ބާވަތްތައް ހިމެނޭހެން ރޯދަ ހަދިޔާ ސަރުކާރުން ވަނީ ރައްޔިތުންނަށް ބައްސަވާފައެވެ.

އަދި ރޯދަމަހު ކަރަންޓާއި ފެނުގެ ބިލުތަކަށް ލުޔެއް ދެއްވުމުގެ ގޮތުން، ބިލްތަކުން ޑިސްކައުންޓެއް ދެއްވައި ވަކި މިންވަރެއް މައާފްކޮށްދެއްވާނެކަންވެސް ރައީސް ވަނީ އިއުލާންކުރައްވާފައެވެ. މިހުރިހާ ކަމަކަށް ބަލާއިރު މިއަހަރުގެ ރޯދަމަހަކީ ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރޯދަމަހަށްވާނެއެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ މިފުރުސަތުގެ ބޭނުންހިފައި ރަމަޟާންމަހުގެ ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އަޅުކަން ގިނަކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީހަށް ބަލާއިރު، މިއީ ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ހާއްސަ ކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ.