އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސެލަރ މުޙައްމަދު ޔަސްރިފް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެ ދާއިރާގެ ކައުންސިލަރގެ މަގާމު ދެ ދައުރު ވަންދެން އަދާ ކުރެއްވުމަށް ފަހުއެވެ.
ޔަސްރިފް އިސްތިއުފާ ދެއްވީ ސިވިލްސާވިސްގެ މަގާމަކަށް ވަޑައިގަންނަވަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް ސީދާ ޔަސްރިފް އެހެން ވިދާޅެއް ނުވެއެވެ.
މީގެ ކުރިން ޔަސްރިފް ވަނީ އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު ކަމުގެ މަގާމުން ވެސް އިސްތިއުފާ ދެއްވައިފައެވެ. އޭނާ އެމަގާމުން އިސްތިއުފާ ދެއްވުމުން އެކަން ބަލައިގަނެ ސިޓީކައުންސިލުން ވަނީ އެމަގާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތަކަށްޓަކައި ޔަސްރިފަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އޭނާއަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.