އައްޑޫ ސިޓީން އިތުރު ހަތް މީހަކު ކޮވިޑް- 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މީހުންނަކީ ވެސް އެއާޕޯޓް ކްލަސްޓަރއާ ގުޅުންހުރި މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ހަތް މީހުން ކޮވިޑަށް ޕޮޒިޓިވް ވުމުން އައްޑޫ ގުޅިފައިވާ ރަށްރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިވަގުތު 15 އަށް އެރީއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިތަދޫ، މަރަދޫ، ފޭދޫ މީހުން ވެސް ހިމެނެއެވެ.

ކޮވިޑް އައްޑޫގައި ފެތުރެން ފަށައިފައިވަނީ ގަމުގައި ބޭއްވި ޓްރެއިނިންއެއްގެ ތެރެއިން ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ސާދިގުވަނީ ވިދާޅުވެފައެވެ. އެ ޓްރެއިނިންގައި 46 މީހުން ބައިވެރިވެފައިވެއެވެ. މިއިން ކޮންމެ މީހަކު މަދުވެގެން 5 މީހަކާ ކޮންޓެކްޓް ވެފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

އައްޑޫގައި އަދިވެސް ގެންދަނީ ކޮންޓެކްޓް ޓްރޭސިން މަސައްކަތާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ހުޅުމީދޫ އެމްޓީސީސީ ސައިޓުގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ވެސް އިތުރު މީހަކު މިހާރުވަނީ ޕޮޒިޓިވެފައެވެ. އެމީހާ ޕޮޒިޓިވް ވުމުން އެތަނުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރުވަނީ 25 އަށް އަރައިފައެވެ.