މިހާރު ހިނގަމުން މިދާ 21 ޤަރަނުގައި ޕްރޮފެޝަނަލް ލެވެލްގައި އެންމެ ގިނަ ހެޓްރިކް ހެދި 3 ކުޅުންތެރިން ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާޤް (ދަގަނޑޭ) ހިމެނިއްޖެއެވެ.

ދެކުނު އޭޝިޔާގައިވެސް މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރިި ފުޓްބޯޅަ ކުޅުންްތެރިޔާ ގޮތުގައި ތަޖުރިބާކާރުން ސިފަކުރާ، ދަގަނޑޭ މިރޭ ވަނީ މިކަން ފާހަގަ ކޮށް އޭނާގެ ފޭސްބުކް ޕޭޖުގައި ޕޯސްޓެއް ކޮށްފައެވެ.

މިޕޯސްޓުގައި ދަގަނޑޭ ބުނީ ދުނިޔެދުށް އެންމެ މޮޅެތި ކުޅުންތެރިންނާ އެއްސަފެއްގައި ހިމެނުނީތީ އުފާކުރާ ކަމަށެވެ. "އަލްހަމްދުލިއްލާ! މި މައިލްސްޓޯން ހާސިލް ކުރެވި، ފުޓްބޯޅައިގެ ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިންނާ އެއްލިސްޓެއްގައި ހިމެނުމުން އުފާކުރަން. މިއީ އަމިއްލަ ނަފްސާއި ރާއްޖެއަށްވެސް ފަޚުރުވެރި ވަގުތުކޮޅެއް" ދަގަނޑޭ އޭނާގެ ފޭސްބުކް ޕޭޖުގައި ޕޯސްޓުގައި ކުރި ޕޯސްޓުގައި ބުންޏެވެ.

ދަގަނޑޭއަށް ވުރެ ގިނައިން ހެޓްރިކް ހަދައިގެން މިލިސްޓުގައި ދަގަނޑޭއަށްވުރެ ކުރީގައި އޮތީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީއެވެ.

ދަގަނޑޭއަކީ ރާއްޖޭގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ. ކެރިޔަރުގެ ކުރީކޮޅު ޕޯޗުގަލްގެ މަޝްހޫރު ބެންފީކާ އާއި އޭޝިޔާގެ ބޮޑެތި ބައެއް ކްލަބުތަކުންވެސް ޝައުގުވެރިކަން ފާޅުކުރި ދަގަނޑޭއަކީ ދަނޑުމަތީގަޔާއި ދަނޑު ބޭރުގައިވެސް މުޅި ދިވެހި ޤައުމު ފަޚްރުވެރިވާ ކުޅުންތެރިއެކެވެ.