އައްޑޫސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ އެކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ސިޓީގެ މޭޔަރު ޢަބްދުﷲ ސާދިގު (ސޯބެ) ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
މޭޔަރު ވިދާޅުވީ މިހާރު ވެސް އެއްރަށުން އަނެއްރަށަށް ނުދެވި ވަރަށް ދަތިހާލުގައި އެތައް ބަޔަކު އުޅެމުންދާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. "އެހެންނަމަވެސް މި ކްލާސްޓަރގެ ޑައިރެކްޓް ކޮންޓެކްޓްސް ވަރަށްގިނަ. މިހާރުވެސް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދަނީ. އެކަމުގައި އުޅޭ މީހުން އެބަލަނީ ވީހާވެސް އަވަހަށް އެކަން ނިންމައި މޮނިޓަރިން އިން ސިޓީނެގުމަށް،" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ އެގޮތަށް ބަންދުކޮށްފައިވަނީ އެއްވެސް ބަޔަކަށް ދަތިކުރުމުގެ ބޭނުމުގައި ނޫންކަމަށެވެ. އެއީ އެންމެންގެ ރައްކާތެރި ކަމަށް އަޅައިފައިވާ ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދުވަސްވަރު ކޮންމެހެން ދާންޖެހިގެން ނޫނީ އެއްގޮތަކަށް ވެސް ބޭރަށް ދިއުން ރަނގަޅު ނޫންކަމަށެވެ. ފިހާރައަކަށް ވެސް ކޮންމެހެން ދާންޖެހިގެންނޫނީ ނުދިއުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. "ކޮންމެހެން ދާންޖެހިގެން ފިހާރައަކަށް ދިޔަސް ރަނގަޅަށް މާސްކު އަޅައި ސެނެޓައިޒް ކޮށްގެން ނޫނީ އެއްވެސް މީހަކު ދިއުން ރަނގަޅެއްނޫން. ފިހާރައަކަށް ދިޔަސް ގައިދުރުކަން ވެސް ބަހައްޓަން ހަނދާންކޮށްދެން. ފިހާރަތަކަށް ދިއުމުގެ ބަދަލުގައި ބަލަންވީ އޮންލައިންކޮށް ވިޔަފާރިކުރެވޭތޯ. އެންމެ ރަނގަޅީ ރައްކާތެރި ކަމާއެކު ޑެލިވަރީގެ ޚިދުމަތް ހޯދުން" މޭޔަރު ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ ގުޅިފައިވާ ރަށްރަށުން މިހާތަނަށް 15 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ. އަދި ހުޅުދޫ/މީދޫ އިން 25 ކޭސް ފެނިފައިވާ ކަމަށެވެ. ހުޅޫމީދޫން ފެނިފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. އެމީހުން ތިބީ އެމީހުންގެ ސައިޓުގައި ވަކީން ކަމަށް ސޯބެ ވިދާޅުވިއެވެ.
އެއާ ޚިލާފަށް އެއާޕޯޓު ކްލާސްޓަރ އިން މިފެންނަ މީހުން ފެންނީ ސީދާ ރަށުތެރެއިން ކަމުން އެކަމުގެ ނުރައްކާ އޮތް މިންވަރު ވަރަށް ބޮޑަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ އިލްތިމާސް އަކީ އެންމެންވެސް މިވަގުތު ކެފޭ/ރެސްޓޯރެންޓުތަކަށް ދިއުން ވެސް ވަގުތީ ގޮތުން ހުއްޓާލަން. އެންމެން ވެސް ކެތްތެރިކަމާއެކު ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް،" ސޯބެ ވިދާޅުވިއެވެ.