އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން 2-1 އިން މޮޅުވެ ލިވަޕޫލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ލިވަޕޫލުގެ ދަނޑު ކަމުގައިވާ އެންފިލްޑްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ބްރައިޓަންއެވެ. މެޗު ފެށިގެން 87 ސިކުންތު ތެރޭގައި ބްރައިޓަންގެ ޑެނީ ވެލްބެކް ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު އެ ޓީމަށް ނަގާދީފައެވެ.

ބްރައިޓަންއިން ލަނޑު ޖެހުމާއެކު ލިވަޕޫލުން ވަނީ ކުޅުން ރަނގަޅު ކޮށް, ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެ ގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ކާމިޔާބު ކުރި ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ. ޑިއާޒްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ ދެ ޓީމުގެ މެދުގައި އެއްވެސް ފަރަގެއް ނެތިއެވެ.

ދެވަނަ ހާފުގައި ލިވަޕޫލު ވަނީ ފުލުފުލުން ބްރައިޓަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ބްރައިޓަންގެ ވަރުގަދަ ޑިފެންސް ފޫ އަޅުވާލައި ލިވަޕޫލަށް މެޗުގެ ނަތީޖާ އަނބުރާލެވުނީ 65 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ކުރިން ބްރައިޓަންއަށް ކުޅެދިން އެލެކްސިސް މެކް އެލިސްޓާ ފަހިކޮށްދިން ފުރުސަތަކުން މުހައްމަދު ސަލާހު ކާމިޔާބު ކުރި ލަނޑެކެވެ. ސަލާހުގެ ލަނޑާއެކު ލިވަޕޫލަށް ވަނީ މެޗުން ތިން ޕޮއިންޓި ކަށަވަރުކޮށް, ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ.

ލިވަޕޫލަށް ތާވަލުގެ އެއްވަނައަށް ޖެހިލެވުނީ, ރޭގައި އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗު 0-0 އިން އެއްވަރު ވުމުންނެވެ.

ލިވަޕޫލު ތާވަލުގެ އެއްވަނައިގައި އޮތޯ ކުޅުނު 29 މެޗުން ލިބުނު 67 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 65 ޕޮއިންޓެވެ. ކުޅުނު 29 މެޗުން ލިބުނު 64 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ މެންޗެސްޓާ ސިޓީއެވެ.