ސްޕެނިޝް ލަލީގާގައި އެތުލެޓިކް ކްލަބު އަތުން 2-0 އިން މޮޅުވެ, ރެއާލް މެޑްރިޑުން ލީގުގެ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑެއް ނަގާފިއެވެ.

ރެއާލުގެ ދަނޑު ކަމުގައިވާ ސަންޓިއާގޯ ބާނަބޭއޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ރެއާލުން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެ ގޮތުން މެޗު ފެށިގެން 8 މިނެޓު ތެރޭގައި ރެއާލުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިއާގެ ބޭރުން ރޮޑްރީގޯ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މެޗުގެ 43 ވަނަ މިނެޓުގައި ރެއާލަށް ވަނީ އެ ޓީމުގެ ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ޓޯނީ ކްރޫސް ނަގައިދިން ކޯނަރަކުން ޗުއަމެނީ ބޮލުން ގޯލަށް ފޮނުވާލި ބޯޅަ ވަނީ ދަނޑީގައި ޖެހިފައި ބޭރަށް ގޮސްފައެވެ.

ރެއާލުން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކުރި ރޮޑްރީގޯ ކާމިޔާބު ކުރި ލަނޑެކެވެ. ރޮޑްރީގޯގެ ދެ ލަނޑާއެކު ރެއާލުން ވަނީ މެޗު ކާމިޔާބު ކޮށް, ތާވަލުގެ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑެއް ގާއިމުކޮށްފައެވެ.

ރެއާލުން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 30 މެޗުން ލިބުނު 75 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. 65 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ޖިރޯނާއެވެ. މެޗުން ބަލިވި އެތުލެޓިކް ކްލަބު އޮތީ, ކުޅުނު 30 މެޗުން ލިބުނު 56 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.