ފްރެންޗް ލީގުގައި މާސޭ އަތުން 2-0 އިން ޕީއެސްޖީ މޮޅުވެއްޖެއެވެ.
މާސޭގެ ދަނޑު ކަމުގައިވާ އޮރެންޖް ވެލޮޑްރޯމް ސްޓޭޑިއަމްގައި ކުޅުނު މެޗު ދެ ޓީމުން ވެސް ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. ނަމަވެސް މެޗުގެ 40 ވަނަ މިނެޓުގައި ޕީއެސްޖީގެ ޑިފެންޑަރު ލޫކަސް ބެރަލްޑޯއަށް ދެއްކި ރަތް ކާޑާއެކު އެ ޓީމަށް ވަނީ މެޗުގެ ބޮޑު ބައެއް 10 ކުޅުންތެރިންނާއެކު ކުޅެން ޖެހިފައެވެ.
އެއް ކުޅުންތެެރިޔެއް މަދުން ކުޅެމުން ދިޔަ ނަމަވެސް މެޗުގެ 53 ވަނަ މިނެޓުގައި ޕީއެސްޖީ ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވިޓީނިއާއެވެ.
މެޗު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް, ގޮންޒާލޯ ރާމޮސް ވަނީ ޕީއެސްޖީގެ ލީޑު ދެގޯލަށް އިތުރު ކޮށްދީފައެވެ. އެއާއެކު މާސޭ ވަނީ އަމިއްލަ ދަނޑުގައި, 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ޕީއެސްޖީގެ އަތުން ބަލިވެފައެވެ.
މެޗުން މޮޅުވުމާއެކު ޕީއެސްޖީ ވަނީ ލީގުގެ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 62 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބްރެސްޓަށް ލިބިފައިވަނީ 52 ޕޮއިންޓެވެ. މެޗުން ބަލިވި މާސޭ އޮތީ, ކުޅުނު 27 މެޗުން ލިބުނު 39 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.