އިޓާލިއަން ސެރިއާގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށް, ތާވަލުގެ އެއްވަނައިގައި އިންޓާ މިލާނުން 14 ޕޮއިންޓުގެ ލީޑެއް ނަގާފިއެވެ.

އިންޓާގެ ދަނޑު ކަމުގައިވާ ސޭންސީރޯގައި ކުޅުނު މެޗަށް ނިކުތްއިރު އިންޓާ އޮތީ ވަރަށް ފޯމުގައެވެ. އިންޓާ ވަނީ ލީގުގައި މި ސީޒަނުގައި އެ ޓީމުން ކުޅުނު 29 މެޗުގައި ވެސް ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ވެސް ލަނޑު ޖަހާފިނަމަ އެންމެ ގިނަ މެޗުތަކުގައި ޖެހިޖެހިގެން ސެރިއާގައި ލަނޑު ޖެހި ޓީމުގެ ރެކޯޑު ލިބޭނެއެވެ.

ރޭގަ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އިންޓާއިން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެ ގޮތުން މެޗު ފެށިގެން ފުރަތަމަ 5 މިނެޓު ތެރޭގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފްރޭންކޯ ޑިމާކޯއެވެ. ޑިމާކޯގެ ގޯލާއެކު ފުރަތަމަ ހާފު ނިމުނީ އެއް ލަނޑު ސުން ލަނޑުން އިންޓާ ކުރީގައި އޮވެގެންނެވެ.

އިންޓާގެ ދެވަނަ ލަނޑު ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެލެކްސިސް ސަންޗޭޒެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވިއިރު ވެސް އެމްޕޮލީއަށް ސުން ކަނޑާ ނުލެވުމާއެކު އިންޓާއަށް ވަނީ މެޗު ކާމިޔާބުކޮށް, ލީގުގެ އެއްވަނައިގައި 14 ޕޮއިންޓުގެ ފަރަގެއް ގާއިމު ކުރެވިފައެވެ.

އިންޓާއިން ލީގުގެ އެއްވަނައިގައި އޮތީ ކުޅުނު 30 މެޗުން ލިބުނު 79 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ވާދަވެރި އޭސީ މިލާނަށް ލިބިފައިވަނީ 65 ޕޮއިންޓެވެ. މެޗުން ބަލިވި އެމްޕޮލީ އޮތީ, ކުޅުނު 30 މެޗުން ލިބުނު 25 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނުގެ އަށާރަވަނައިގައެވެ.