ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ދަތުރުކޮށް، ފައިސާ ދައްކާފައިނުވާތީ، 5.6 މިލިއަން ރުފިޔާ ހޯދަން އެޕާޓީއާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ.

މި މައްސަލައާ ގުޅިގެން އެ އެ އަރލައިންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވެފައިވަނީ މައްސަލަ ކޯޓަށް ހުށަހެޅީ ފައިސާ ދައްކަން ތަކުރާރުކޮށް އެންގުމަށް ފަހު ކަމަށާއި އެ ފައިސާ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާ ކަމަށާއި މިދިޔަ މަހުވެސް ލިޔުމުން އަންގާފައިވާ ކަމަށެވެ. އެހެންނަމެސް އެކަމަށްވެސް ޕާޓީން އިޖާބަ ދީފައި ނުވާކަމަށްވެސް އިޔާސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އިޔާސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުތަކަށް އެ އެއަރލައިނުން އެމްޑީޕީން ޓިކެޓާއި ކޮށްފައިވާ ޗާޓަރު ފްލައިޓުތަކަށް 5،629،861ރ. އަރާ ކަމަށެވެ.

މި ދަތުރުތައް ކުރުމަށް އެ އެއަރލައިނުން، އެމްޑީޕީއާއެކު އެއްބަސްވެފައިވަނީ ހިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ބިލްތަކަށް ފައިސާ ދައްކާ ގޮތަށެވެ.

އެހެން ނަމަވެސް އަދާހަމައަށްވެސް އެ ފައިސާ އެ ޕާޓީން ދައްކާފައި ނުވެއެވެ.