ފާއިތުވި 72 ގަޑިއިރު ތެރޭގައި 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަންފައިވާކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެއެވެ.

އިހުސާން އިތުރަށް ވިދާޅުވެފައިވަނީ، ފުލުހުންނާއި ކަސްޓަމްސް ކުރިއަށް ގެންދިޔަ ހާއްސަ އޮޕެރޭޝަންތަކެއްގައި ވޭތުވެ ދިޔަ 3 ދުވަސް ތެރޭގައި 16.69 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 21.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އިހުސާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި، އަމާޒަކީ ދިވެހިރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ވެށްޓަކަށް ހެދުންކަމަށްވެސް ވިދާޅުވެފައެވެ.