އިނގިރޭސި ޕްރިމިއާ ލީގުގައި ލޫޓޮން ޓައުން 2-0 އިން ބަލިކޮށް އާސެނަލް ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
އާސެނަލް މި މެޗަށް ނިކުތް އިރު އޮތީ ވަރަށް ފޯމުގައެވެ. އެ ޓީމު ވަނީ މި އަހަރު ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށްފައެވެ. އާސެނަލް މި އަހަރު އަދި ލީގުގައި ބަލިވެފައި ނުވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ އާސެނަލްއިންނެވެ. އެ ޓީމުން ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ.
އާސެނަލްއަށް ލޫޓޮންގެ ޑިފެންސް ލައިން ފޫ އަޅުވާލާ ލަނޑެއް ޖެހުނީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ކައި ހަވާޓްޒް ދިން ޕާހަކުން މާޓިން އޮޑެގާޑެވެ. އާސެނަލްއިން އެ ޓީމުގެ ލީޑު ދެ ގޯލަށް ފުޅާކުރީ މެޗުގެ 44 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ލޫޓޮންގެ ހަށިއޯކޯ އަތިން ބައިކޮޅަށް ވަން ލަނޑެކެވެ.
ދެވަނަ ހާފުގައި ލޫޓޮން ވަނީ ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ވަނީ ނުހިފިފިފައެވެ. ލޫޓޮނައަށް ސުން ކަނޑާނުލެވުނު އިރު, ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
މި މެޗުން މޮޅުވުމާއެކު އާސެނަލް ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު 30 މެޗުން ލިބުނު 68 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. ނަމަވެސް ލިވަޕޫލު ކުޅެފައިވަނީ އާސެނަލްއަށްވުރެ އެއް މެޗު މަދުން ކަމުން އާސެނަލް ފަހާލައި އެއްވަނައަށް އެރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.