ވޭތުވިދިޔަ ކަންކަން އެއްފަރާތް ކުރުމަށްފަހު، އެންމެން އެއްރޫހެއްގައި މަސައްކަތްކޮށް ސަރުކާރުގެ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހަށް ހޮއްވަވައި ދެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ޑރ.މުއިއްޒު މިހެން ވިދާޅުވީ ފަރާތުން ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ޔަޒްމީދު އަހުމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ހިޔާތަފާތުވުމުގައި ފާއިތުވެގެން ދިޔަ ދެތިން މަސް ދޫކޮށްލައްވާފައި އެންމެން އެކަތި ގަނޑަކަށްވެ ޔަޒްމީދު ހޮވަން ޖެހޭ ކަމަށެވެ.

"މިއީ އަތުގައި އޮތް ގޮނޑިއެއް، ޔަޒްމީދު އެގޮނޑިއަށް ހޮއްވަވައިދެއްވުމަކީ އަޅުގަނޑުމެންގެ އަތުގައި އޮތް ކަމެއް" ރައީސް ވިދާޅުވިއެވެ.

ރައީސްވިދާޅުވި ގޮތުގައި އެމަނިކުފާޏުގެ އުންމީދަކީ ޕީއެންސީއާއި ހިޔާލުތަފާތު އެންމެން އެވަގުތުން ފަށައިގެން އެކީގައި މަސައްކަތް ކުރުމެވެ. ރައީސް ވިދާޅުވީ އެންމެން އެކުގައި މަސައްކަތް ކޮށްފިނަމަ ޔަޒްމީދުގެ ގޮނޑިއަކީ އެންމެ ފަސޭހައިން ނެގޭނެ އެއް ގޮނޑިކަމަށެވެ؛.