ވިލިނގިލީގެ ތަރައްގީގައި މަޖިލީސް ވަރަށް ބޮޑު ދައުރެއް އަދާ ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ގއ. ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ޔަޒްމީދް މުހައްމަދުގެ ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި ވިލިނގިއްޔަކީ އެމަނިކުފާނު ވަރަށް ގިނަ ވައުދުތަކެއް ވެފައިވާ ރަށެކެވެ. އޢގެ ތެރޭގައި އެންމެ މުހިއްމު ވައުދުކަމަށް ރައީސް ފާހަގަކުރެއްވީ ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓު އެޅުއްވުމަށް ވި ވައުދެވެ.

ރައީސް ހާމަކުރި ގޮތުގައި ވައުދުތައް ފުއްދަން ބޭނުންވި ކަމުގައިވިއަސް މަޖިލީހާ ނުލައި އެކަންކަން ކުރެވެން ނެތް ކަމަށެވެ. ސަބަބަކީ ބަޖެޓު ކަނޑައަޅަނީ މަޖިލީހުން ކަމަށް ވާތީ އާއި ރަށުގެ ތަރައްގީއަށް މަސައްކަތް ކުރެވެނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ވާތީ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ހުރިހާ އަމާޒެއް ވެސް ހުރީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށެވެ. ވަގުތު ބޭކާރު ނުކޮށް ރައްޔިތުންނަށް ނަތީޖާ ނެރެދޭން މަޖިލީހުގެ ދައުރު ވަރަށް މުހިއްމު ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.