ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައި ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން އިތުރަށް ބުނީ މި ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ބާރުދުވެލީގައި ކުރިއަށް ދާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ 2 ބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ބައިގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވަ ސަރަހައްދުގެ 10 ހެކްޓަރ ބިން މިހާރު ވަނީ ހިއްކާ ނިމި، ދެވަނަ ބައިގެ ވެސް 5 ހެކްޓަރ ހިއްކާފައި ކަމަށާއި، މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތް ކަމަށްވެސް އެޗްޑީސީން ބުންޏެވެ. ހުޅުމަލޭގެ 3 ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަކޮށް ހިއްކުމަށް ކަނޑައެޅިފައި ވަނީ 63 ހެކްޓަރއެވެ.

މީގެއިތުރުން އެ ކޯޕަރޭޝަނުން ބުނީ ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ، އެކުލަވައިފައިވާ ޗާޓުގައި ފެހިކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގައި ދިނުމަށް މި ކޯޕަރޭޝަންގެ އެދޭ ކަމަށެވެ.

އަދި މި ސަރަހައްދުން ނަގާ އުޅަނދުތައް މި ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު އުޅަނދުގެ ވެރިންނަށް އެޗްޑީސީން ވަނީ ފަހިކޮށްދީފައި ކަމަށްވެސް އެ ކޯޕަރޭޝުން ބުންޏެވެ.

އަދި މި މަސައްކަތުގައި އާއްމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅޭ ފަރާތްތަކުން ދެއްވާ އެހީތެރިކަން އެ ކޯޕަރޭޝަނަށް ވަނީ ފާހަގަކުރައްވާފައެވެ.