މި އަހަރުގެ ފިތުރުއީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރެއްވުން އޮންނާނެއެވެ.

އީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ފިތުރުއީދު ދުވަހުގެ ހެނދުނު 9:30 ން 10:30އަށް ރައީސްގެ ރަސްމީ ގެ، މުލީއާގޭގައެވެ.

އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވައެވެ.

އަދި އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސްގެ ދެކަނބަލުން ވަނީ ދައުވަތު އަރުވާފައެވެ.

އީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަޑައިގެންނެވޭނީ، ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ވަޑައިގެންނެވެ.