ދިވެހިރާއްޖޭގެ ރަށްރަށުގައި ކަތީބުކަން ކުރެއްވި ބޭފުޅުންނަކީ ރައްޔިތުން ވަރަށް ޤަދަރުކުރައްވާ އިޙުތިރާމު ކުރައްވާ ބޭފުޅުންނެވެ. އެބޭފުޅުންނަކީ ރައްޔިތުންގެ އިޙުސާސްތައް ދަނެގެން ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދެއްވި ޢިއްޒަތްތެރީންނެވެ. މިހާރުވެސް އެބޭފުޅުންނަށް އޮތް ޤަދަރާއި އިޙުތިރާމު ކުޑައެއް ނުވެއެވެ.
ޒަމާނަށް މިއައި ބަދަލު ތަކަށް ހޭނުމަށް ރަށްރަށުގެ ކަތީބުންނަށް ހުރަސް ތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ކޮންމެ ބަޔަކަށްވެސް ވާނީ އެހެންނެވެ. އާކަންތައްތަކަށް ފަރިތަވާން ދުވަސް ނަގާނެއެވެ. އާ ކަންތައްތަކަށް ހޭނެން ވަގުތު ބޭނުންވެއެވެ. މީ ޠަބީޢީ ކަމެކެވެ.
ދިވެހިރާއްޖޭގެ އަތޮޅު ތަކުގައި ފާހަގަ ކުރާ ޚާއްޞަ މުނާސަބަތުތައް އެކި ފަހަރު ފާހަގަކުރަނީ އެކި ރަށުގައެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެނެވެ. މިކަމުގެ ސަބަބުން މުނާސަބާ ފާހަގަ ކުރާ ރަށަށް ވަރަށް ގިނަ ފައިދާތައް ލިބެއެވެ. އުމުރާނީ ތަރައްޤީއާއި އިޤުތިޞާދީ ފައިދާތަކެވެ.
މިގޮތުން އެއްފަހަރަކު ޚާއްޞަ މުނާސަބަތެއް ބާއްވާނެ ރަށެއް ކަނޑައަޅައި އަތޮޅުވެރިންނާއި ރަށްރަށުގެ ކަތީބުން އެރަށުގައި ޙަރަކާތްތެރިވާން ފެށި ދުވަސް ވަރެކެވެ. ކަންތައްތައް އިންތިޒާމު ކުރުމަށް ބައްދައްލުވުންތައް ބާއްވައި މަޝްވަރާކުރަމުން ގެންދެއެވެ. މި ރަސްމިއްޔާތު ފެށެން އޮތް ދުވަހުގެ ހަވީރު ހުރިހާ ކަތީބުންނާއި ބައްދަލުކުރައްވައި އަތޮޅުވެރީން ވިދާޅުވީ ހުރިހާ ބޭފުޅުންވެސް ރަސްމިއްޔާތަށް ވަޑައިގަންނަވަން ވާނީ ޓައީ އަޅުއްވައިގެން ކަމަށެވެ.
ކޮންމެ އަކަސް ހުރިހާ އިންތިޒާމުތަކެއް ނިންމާލެއްވުމަށް ފަހު ހަފުލާއޮންނަ ރަށުގެ ކަތީބު ގެއަށް ދުރުވަން ތައްޔާރު ވިތަނާ އެހެން ރަށެއްގެ ކަތީބަކު ވަޑައިގެން އެބަ ވިދާޅުވެ އެވެ. ދަށަން ޖަހަންޏާ ބޫޓަށް އަރަން ވާނެ އެވެ. ކަތީބު ގެއަށް ވަޑައިގަތީ މި ދެ ކަންތައް ވަރަށް ބޮޑަށް ހަނދާން ކުރައްވައިގެންނެވެ. އަތޮޅުވެރިން ވިދާޅުވި ޓައީ އެޅުމާއި ރަޙުމަތްރެރި ކަތީބު ވިދާޅުވި ދަށަށް ޖަހާނަމަ ބޫޓަށް އަރަން ޖެހޭނެކަމެވެ.
ކަތީބު ގެއަށް ވަޑައިގެން ފެންވަރުއްވައި ތައްޔާރުވެ ހައްދައިގެން ބައްލަވާލެއްވިއިރު ބޫޓު ފެންނާކަށް ނެތެވެ. އަނބިކަބަލުން ގާތު ވިދާޅުވެގެންވެސް ބޫޓު ހޯދާ ހޯދާ ނުފެނުނެވެ. މިކަމާ ހިތްހަމަ ޖެހިވަޑައި ނުގެން އަނބިކަނބަލުންނާ ދެބަސްވުމެއްވެސް ހިނގައިފިއެވެ. އެންމެފަހުން ރަސްމިއްޔާތަށް ދާން ގަޑި ކައިރި ވިއރުވެސް ބޫޓު ނުފެނިގެން ބޫޓަށް ނާރާ ވަޑައިގަތުމަށް ކަތީބު ނިންމެވިއެވެ. އެހެންކަމުން އަތޮޅުވެރީން ވިދާޅުވި ގޮތަށް ޓައީ އަޅުއްވައިގެން ރަޙުމަތްތެރިޔާ ވިދާޅުވިގޮތަށް ބޫޓަށް އެރެން ނެތުމުން ދަށަށް ނުޖަހާ ހަފުލާ އަށް ވަޑައިގެންފިއެވެ. އޭރު ސުކޫލު ކުދިންވެސް ހާޒިރުވެ ގޮނޑިތަކުގައި ތިއްބެވެ. ޖަލްސާގެ ޝަރަފުވެރި މެހުމާނު ފިޔަވައި އެހެން ޢިއްޒަތްތެރީންވެސް ސްޓޭޖްގައި ތިއްބެވިއެވެ. ކަތީބު ސްޓޭޖް މައްޗަށް އަރައިވަޑައިގެން ގޮނޑީގައި އިށީންނަވަން ހިންގަވައިފައި ވަޑައިގަންނަވާތަން ފެނި ސުކޫލު ކުދިންނާއި ބައެއް ރައްޔިތުން އަނގަމަތީ އަތް އަޅައި އެތެރެއަށް ހޭން ފަށައިފިއެވެ. ކަތީބު މިހުންނެވީ ގައިގައި ލައްވާ ނުލާވަރުގެ އަތްދިގު ގަމީހެއް ތުރުކުރައްވައި ފަޓުލޫނުމަތިން ދޫކޮށްލައްވާފައެވެ. ނަމަވެސް ޓައީ އަޅުއްވާފައި ހުއްޓެވެ. އަރުއްވާފައި ހުރީ އާދައިގެ ފެން ފައިވާނަކަށެވެ.