ކުރީ ސަރުކާރުން ރައީސް ޔާމީން ނުހައްގުން ޖަލަށްލައި، ދެމުންގެންދިޔަ އަނިޔާ އަށްވުރެ ބޮޑެތި އަނިޔާ، އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންގެންދާ، ޑޮކްޓަރ މުހައްޖަމީލް އަހުމަދުގެ ފަރާތުން، ރައީސް ޔާމީނަށް ލިބިގެންދާ ކަމުގައި، ކުރީގެ ނައިފަރުދާއިރާގެ އިއްޒަތްތެރި މެމްބަރ އަދި މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.
ޝިޔާމް، މި ތުހުމަތުކޮށް ވާހަކަ ދައްކާފައިވަނީ، ޕީ.އެން.ސީ އިން އިއްޔެ ބޭއްވި ޕެނަލްޑިސްކަޝަންގައި ވާހަކަ ދައްކަމުންނެވެ.
ޝިޔާމްގެ މި ތުހުމަތަކީ، ރައީސް ޔާމިންގެ މައްސަލަ 72 ގަޑި އިރުތެރޭގައި އިސްތިޢުނާފް ކުރުމަށް ސީދާ، ރައީސް ޔާމީން ވިދާޅުވެފައި ވަނިކޮށް އެމަނކިފާނުގެ އިރުޝާދާ ސީދާ ދެކޮޅަށް 2 މަސްދުވަސްވަންދެން ލަސްކުރުމަށްފަހު އިސްތިއުނާފަށް ހުށަހެޅުމުންނެވެ. އެކަމާ ސުވާލު އުފައްދަމުން، ޝިޔާމްގެ ވާހަކައިގައި ރައީސް ޔާމީން ޖަލުންދޭ ނޯޓްކަމަށް ވިދާޅުވެ ޑޮކްޓަރ މުހައްމަދު ޖަމީލް އަހުމަދު ގެންނަ ނޯޓްތަކާމެދުވެސް އިތުބާރު ނުކުރެވޭ ވަރަށް، ގިނަ ކަންތައްތަކެއް ދިމާވަމުންދިޔަކަމަށާއި، ފަހުން އެ ނޯޓް ތަކަށް ޕާޓީގެ ލީޑަރ ޝިޕުން އިތުބާރު ނުކުރާކަމަށެވެ.
ރައީސްޔާމީން މިނިވަން ކުރުމަށް ޕާރޓީގެ ފަރާތުން މަސައްކަތް ކުރަމުންގެންދިޔަ ކަމުގައި ވިޔަސް، އޭރުގެ ސަރުކާރުގެ ޢަމަލުތައް ހުރި ގޮތުންނާއި، މަޖިލީހުގެ ތެރެއިން ދިމާވަމުން ދިޔަ ގޮންޖެހުންތަކުގެ ސަބަބުން އިންސާފު ލިބުން ދަތިވެ، ސަރުކާރުން ބޭނުން ވާ ގޮތަކަށް ނާއިންސާފުން ކަންތައްތައް ކުރަމުން ގެންދިޔަ ކަމަށާއި، ހަމަ އެފަދައިން އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ޚާއްސަކޮށް ޑޮކްޓަރ މުހައްމަދު ޖަމީލްގެ ފަރާތުން ފެނިގެންދިޔަ ކަންކަމަށާއި، ކުރަމުންގެންދިޔަ މަސައްކަތާ މެދު އެތަކެއް ސުވާލުތަކެއް އުފެދެމުން ދިޔަކަމަށްވެސް ޝިޔާމްގެ ވާހަކައިގައި އަލިއަޅުވާލިއެވެ.
މި ފަދަ އިޚްލާސްތެރިކަމެއް ނެތް ބަޔަކު މިއަދު މާބޮޑަށް ރައީސް ޔާމީނަށް ހެޔޮ އެދިގެން، ޕާޓީއެއް އުފައްދައިގެން މަސައްކަތް ކުރަމުން ގެންދާތީ، މި މީހުންގެ އިޚްލާސްތެރިކަމާމެދު ދިވެހި ރައްޔިތުންގެ ހިތުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.