އަންނަ އަހަރުންފެށިގެން ކޯޓުތަކަށް ޖިނާއީ މައްސަލަތައް ހުށަހަޅާނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް މިހެން ވިދާޅުވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއާ އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.
ޕީޖީ އޮފީހުން ބުނީ އަންނަ އަހަރުން ފެށިގެން ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ ޖިނާއީ މައްސަލަތައް ހުށަހަޅާނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްކަމަށް ނިންމަވާފައިވާތީ މިކަމާ ގުޅިގެން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށް ޕްރޮސެކިއުޓަރ ޖެނަރަލްވަނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް ހުށަހަޅުއްވާފައި ކަމަށެވެ.
މީގެ އިތުރުން މިއަހަރުގެ ނޮވެންބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެެން، މެޖިސްޓްރޭޓް ކޯޓުތަކާއި، ދަށު ކޯޓުތަކުގެ އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ބައިވެރިވާނީ ހަމައެކަނި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި، މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ހުށަހަޅުއްވާފައެވެ.
މިކަމުގެ ސަބަބުން މައްސަލަތައް ހުށަހެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވި، ޖިނާއީ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކަންކަން ޒަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓްތަކަށް ކުރާ ދަތުރުތަކާއި، އެހެނިހެން ޚަރަދުގެ ބޮޑު ބައެއް ސަލަމާތްކުރެވޭނެކަން ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ފާހަގަކުރައްވާފައެވެ. 2019ވަނަ އަހަރު އެކަނިވެސް ޕްރޮސިކިއުޓަރުން މެޖިސްޓްރޭޓް ކޯޓަކަށް ކުރެއްވި ދަތުރުތަކަށް 3.2 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަން ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ފާހަގަކުރައްވާފައެވެ.