ނޫސްވެރިޔާ އަހުމަދު ރިޟްވާނަށް ބިރު ދައްކަން ބޭނުންކުރި ވަޅިއާ ބެހޭ މައުލޫމާތު ހޯދައިދިން ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ އިނާމެއް ދޭނެ ކަމަށް ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކޮމިޝަނުން ނެރުނު އިއުލާނެއްގައި ވިދާޅުވެފައިވަނީ އެ ވަޅިއަކީ 2014 އޮގަސްޓް ހަތް ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ރިޟްވާން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ނަމްބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއް ކަމަށެވެ.

މިވަޅިއާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް މަރުތައް ތަހުގީގުކުރާ ކޮމިޝަނުންވަނީ އެދިވަޑައިގެންފައެވެ.

ކޮމިޝަންގެ އިއުލާނުގައި ވިދާޅުވެފައިވަނީ ވަޅިއާ ގުޅޭގޮތުން ނުވަތަ ކޮމިޝަނުން ތަހުގީގުކުރަމުންދާ ރިޟްވާންގެ މައްސަލައާއި ގުޅޭގޮތުން ސާބިތު ހިފޭވަރުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 500،000 (ފަސް ލައްކަ ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ކޮޮމިޝަނުން ވިދާޅުވެފައިވަނީ މައްސަލައިގެ މައުލޫމާތު ދިނުމަށް ބޭނުންވާ ފަރާތްތަކުން ކޮމިޝަނަށް ހާޒިރުވެ ނުވަތަ ކޮމިޝަންގެ ނަމްބަރު 7390841 ފޯނަށް ގުޅައިގެން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. އަދި ހަމަ މި ނަމްބަރުން ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެވޭނެ ގޮތަށް ހަމަޖެހިފައިވާކަމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ.