ލިޔުނީ: ނިރު، ޝާހީން މުހައްމަދު

(4 އޭޕްރީލް ދުވަހުގެ އަދަދާ ގުޅޭ)

އެމީހާ ތަޢާރަފްވީ ޒުހުރާގެ ނަމުންނެވެ. އެއީ ރީތި އަންހެނެކެވެ. ފުވައްމުލަކުގެ ހުރިހާ އެންމެން ވެސް ރީތީކަންނޭނގެއެވެ.

އެމީހުންގެ ކެއުމާ ތިބުމާ ހުރިހާ ކަމެއްވެސް ހުރީ ޒުހުރާމެންގެ ގެއިންނެވެ. އެހެންކަމުން ކުޑަކޮށް މޫނުދޮވެލާ ތާޒާވެލައިގެން އެމީހުން ކޮޓަރިން ނިކުތްއިރު ޒުހުރާ ހުރީ ކާންހަދައިގެން ތައްޔާރުވެގެންނެވެ. އޭރު އިޝާނަމާދުކޮށް ނިމި ކާގަޑިވެސް ޖެހިއްޖެއެވެ.

ކާންހުރީ ދިވެހި ކެއުންތަކެއް ނޫނެވެ. ސްޕެގެޓީއާ ފިހުނު ކުކުޅެވެ. ދެން ހުރީ ކޯކެވެ. ފްރެޝް އަނބުޖޫސް ވެސް ހުއްޓެވެ. ޒާއިރާއަށް ބަލައިލެވުނީ މަލާކުގެ މޫނަށެވެ.

"އެއްވެސް މީހަކު ބުނިތަ އަހަރެމެން ދެމީހުންނަށް ވެސް ސްޕެގެޓީ މީރޭ!" މަޖާ ރާގަކަށް ޒާއިރާ ބުނެލީ ބިއްލޫރިތައްޓަށް ފެންއަޅަންހުރި ޒުހުރާގެ މޫނަށް ބަލާލާފައެވެ.

"ވަރަށް ގިނަމީހުން ތިގޮތަށް އައިސް މިގޭގަ ތިބޭ! އެ އެންމެން ވެސް އުޅޭނެ ޒުހުރާއްތަ ކައްކާ ސްޕެގެޓީ މީރުވެގެން!" ފަޚުރުވެރިވެލާފަ ޒުހުރާ ޖަވާބުދިނެވެ.

ތެދެކެވެ. ހަގީގަތުގައިވެސް އެ ސްޕެގެޓި މީރެވެ. އެހެންކަމުން މަލަކުއާ ޒާއިރާ ވެސް ވަރަށް ރަނގަޅަށް ކެއެވެ.

ކައި ނިމިގެން އެމީހުން ގޮސް އިށީނީ ސިޓިންގރޫމުގެ ބޭރުން ހިޔާކޮށް ސީލިންކޮށް އަދި މުށިޖަހާފައިވާ އުނދޯލިގޭގައެވެ. އުނދޯއްޔެއްގެ އިތުރުން އެތާ ޖޯލިފައްޗެއް ވެސް ހުއްޓެވެ. މަލާކު އާއި ޒުހުރާ އިށީނީ އުނދޯލީގައެވެ. ޒާއިރާ އުނދޯލި ހެއްލީމަ ބޯ އަނބުރާތީ އިށީނީ ޖޯލީގައެވެ. މަލާކު އަކީ ދުފުމަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. އެކަމަކު ޒާއިރާ އެއްގޮތަކަށްވެސް ދުފައެއް ނޫޅެއެވެ. ދެ ކުދިންގެ އެއްގޮތް ވަރަށް ގިނަ ކަންކަން ހުންނަ ފަދައިން ތަފާތު ކަންތައްތަކެއް ވެސް ހުރެއެވެ. އެންމެ ބޮޑު ތަފާތަކީ ޒާއިރާ އަކީ ހަލަނި އަނގަގަދަ ކުއްޖަކަށްވިޔަސް މަލާކުއަކީ ސީރިއަސް ބަސްމަދު ކުއްޖަކަށް ވީކަމެވެ.

ޒުހުރާ އާއި މަލާކު ދުފަމުން ދިޔައިރު ޒާއިރާގެ ކަމަކީ މިރަށާ، އެގެއާ ބެހޭ އެކި ކަހަލަ މައުލޫމާތު އެއްކުރުމެވެ. އެންމެ ފަހުން ނިދަން ދަނީކަމަށް ބުނެފައި ޒުހުރާ ވަނީ އެތެރެއަށެވެ. އިރުކޮޅެއްވަންދެން އަތުގައި އޮތް ފޯނުގެތެރެއަށް މަޝްޣޫލުވެގެން އިނުމަށްފަހު ފޯއްކޮޅެއް ކޮށިއަރައިގެން މަލާކު ވަނީ ފެންފޮދެއް ބޯލުމަށް އެތެރެއަށެވެ.

"އޭ! ލަސްނުވެ ވަންނާތި! މަ ދެން ވަންނާނީ ކޮޓަރިއަށް!" މަލާކު ދެއަތުންނާ އެކު ވާހަކަ ދައްކަމުން ވަނީ އެތެރެއަށެވެ. އެވަގުތު ޖެހުނު ފިނި ވައިރޯޅީގައި އެކުލެވިފައިވާ ހުވަނދުމަލުގެ ހިތްގައިމު މީރުވަހުން ޒާއިރާ ނޯށްދަމައިލީ ލިބުނު ރޫޙީ އުފަލަކުންނެވެ.

އެތެރެއަށް ވަނުމަށް ބޭނުންވެފައި ނެތަސް ޒާއިރާ ވެސް ތެދުވީ ދެން ވަންނަންވީކަމަށް ނިންމާ ކޮޓަރިއަށް ވަނުމަށެވެ. އެހެންނަމަވެސް ޚިޔާލު ބަދަލުވެގެން ނިކުމެވުނީ ގޭޓް ހުޅުވާލުމަށްފަހު މަގުމައްޗަށެވެ. މަގުމަތީ ހުއްޓެމުން މަގުގެ ދެކޮޅު ބަލައިލިއެވެ. މި ގޭގެ ވަށައިގެން ގެތައް ހުއްޓަސް އެއްވެސް ދިމާއަކުން އަދި މަގުމައްޗަކުން ވިޔަސް މީހެއްގެ ހިލަމެއް ނުވެއެވެ. މިއީ މިރަށުގެ އެންމެން ކައިގެން ނިދާގަޑިކަމަށް ވެސް ވެދާނެއޭ ޒާއިރާ ހިތަށް އެރިއެވެ. މިފަދަ ތަރައްޤީ ރަށެއްގެ މީހުން އެހާ އަވަހަށް ނިދާހެއްޔެވެ!

އެ ވިސްނުން ދޫކޮށްލުމަށްފަހު ޒާއިރާ އުޑުމައްޗަށް ބަލައިލީ ހަނދުވަރު ރީތިވެފައި މޫސުން ވެސް ހިތްގައިމު ވީމައެވެ. އުޑުމަތީގައި އެންމެ ވިލާރޮއްޖެއް ވެސް ނެތޭ ބުނުން ދޮގަކަށް ނުވާނެއެވެ. އުޑު އެކަށް ވަނީ ތަރިތަކުން ބަރާވެފައެވެ. ކުއްލިއަކަށް ކުރިމަތިން ވިދާލުމުން ކޮންމެވެސް ދިމާލެއްގައި ވިއްސާރަ ހުރިކަން ޒާއިރާއަށް ޔަގީން ކުރެވުނެވެ. އެހެންވެ އެ ފަޅު މަގުމަތި ދޫކޮށް ގޭގެ ފުޅަލިން އެތެރެއަށް ވަދެއްޖެއެވެ.

މައި ގެއާ ދިމާއަށް މިސްރާބު ޖަހަމުން ފޯނު އޮތް އަތް ނޫން އަނެއް އަތް އަރިމައްޗަށް ދަމާލާ އެފަރާތުގައި ހުރި ހުވަނދުމާގަހުގައި އިނގިލިތައް ހިންގައިލަމުން ޒާއިރާ ވަނީ ގޮސް އެގޭގެ ސިޓިން ރޫމަށެވެ. މިސްރާބު ހުރީ އެމީހުން ތިބުމަށް ހަމަޖެހިފައިވާ ކޮޓަރިއަށެވެ.

މުޅިން އާ ތަނަކަށް ވުމުން އިރުއިރުކޮޅާ ދެމީހުންނަށް ވެސް ހޭލެވެއެވެ. ރަނގަޅަށް ނިދާލެވުނީ ފަތިސްވާން ކައިރިވީފަހުންނެވެ. ދެކުދިން ކުރެ އެއްވެސް ކުއްޖަކީ އާދަވެ ފަތިސްނަމާދު ކުރާ ކުއްޖަކަށް ނުވާތީ ދެކުދިންނަށް ވެސް ލަސްކޮށްފައި ހޭލެވުނަސް އެއަކު މައްސަލައެއް ނެތެވެ. އެހެންކަމުން ހަތެއް ޖަހަންދެން ވެސް އެދެމީހުން ތިބީ ފުން ނިދީގައެވެ.

ހަތްގަޑި ފަނަރަވީކަން އިޢުލާން ކުރަމުން އެލާމް އަޅަމުން އޭގެ ވާޖިބު އަދާކޮށްދިނީ މަލާކުގެ ފޯނެވެ. އެހެންކަމުން މަލާކު ތެދުވެ ފާޚާނާއަށް ވަނީއެވެ. ޒާއިރާ މަލާކު ނިކުންނަންދެން އަނެއްކާ ވެސް ނިދީއެވެ. މަލާކު ގޮވާނެކަން އެނގޭތީއެވެ. އެއީ އެދެމީހުން ކުރާ ދަތުރުތަކުގައި އެކަން ހިނގާ ތަރުތީބެވެ.

ހެނދުނުގެ ސަޔަށްފަހު ދެމީހުން ނުކުތީ ސާރވޭގެ މަސައްކަތާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް ހަމަޖައްސަންޖެހޭ ކަންކަން ހަމަ ޖެއްސުމަށެވެ. އެއަށްފަހު މެންދުރު ކާން ގެއަށް އައެވެ. ދޮޅުގަޑިއެއްހާ އިރުފަހުން އަނެއްކާ ވެސް މަސައްކަތަށް ދިޔައީއެވެ. ހަވީރު ފަހެއް ޖެހުމުން މަސައްކަތް އެ ދުވަހަށް ނިންމާލާ ސައިބޯން ވަނީ ރެސްޓޯރެންޓަކަށެވެ.

ޕެބްލްސް ބައި ރޯޔަލްސް އަކީ ނަން މަޝްހޫރު ރެސްޓޯރެންޓެކެވެ. އެތަނުގެ ހެދިކާއަށްވުރެ މީހުންގެ ސަމާލުކަން އެތަނަށް ލިބެނީ އެ ތަން ހުންނަ ސަރަޙައްދުގެ ގޮތުންނެވެ. އެތަނަކީ އެ ރަށުގެ އެންމެ ރީތި އެއްތަންކަމަށްވާ ތުނޑިއާ އެއް އިންވެގެން ހުންނަ ތަނެކެވެ. ބައެއް ފަހަރު ތުނޑީގެ ވެލިގަނޑު ބޮޑު ދުވަސްވަރުގައި ވެލިގަނޑުމަތީ ވެސް ގޮނޑިއާ މޭޒު ޖަހާފައި ހުރެއެވެ.

ޒާއިރާމެންގެ ނަސީބު ވަރަށް ރަނގަޅެވެ. މި ދުވަސްކޮޅަކީ ތުނޑީގެ އޮފްގަދަ އެ ހުދުވެލިގަނޑު އެތައް މީޓަރަކަށް ދެމިފައިވާ އެ ވެލިގަނޑުގެ އެންމެ ހިތްގައިމު ދުވަސްކޮޅެވެ. އެހެންކަމުން ދެމީހުން ވެސް މޭޒެއް ނެގީ އެތަނުންނެވެ.

ވެއިޓަރ އައުމުން އޯޑަރ ދިނުމަށްފަހު ދެކުދިން ވެސް އުޅުނީ ފޮޓޯ ނެގުމާއިގެންނެވެ. އެވަގުތު އެ ރެސްޓޯރެންޓަށް އައިސް ތިބި ވަރަށް ގިނަ މީހުންނާ އެހެނިހެން މީހުން ވެސް ހަމަ އެކަނި ފޮޓޯނެގުމަށްޓަކައި ތުނޑީގައި އުޅެއެވެ. ހީވާގޮތުން އެތާ އެ އުޅެނީ ހަމައެކަނި ރަށުން ބޭރު ބީރައްޓެހިނެއް ނޫނެވެ. ރަށުގެ މީހުންވެސް ގިނަ ޢަދަދަކަށް އެތާގައި އެބައުޅެއެވެ.

ހިތްފުރޭވަރަށް ފޮޓޯ ނަގާ ނުނިމުނަސް މަލާކުއާ ޒާއިރާ އައިސް އިށީންނަން ޖެހުނީ އޯޑަރ ދިން ސައިގެ ސާމާން ހިފައިގެން ވެއިޓަރ އައިސް މޭޒުމަތީ ތަށިތައް އަތުރަން ފެށުމުންނެވެ. އެހެންކަމުން ދެކުދިން ވެސް އުޅުނީ ދެން ސައި ބުއިމާއިގެންނެވެ.

ސައިގެ ކަންތަކުން އަވަދިވުމުން މަލާކު އުޅުނީ ބިލް ދެއްކުމާއިގެންނެވެ. ވެއިޓަރ ކުއްޖާ ބުނިގޮތުން ފައިސާ ޓްރާންސްފަރ ކުރެވެއެވެ. އެކަމަކު ޑާޓާ ލިބުމުގައި ހުރި އުދަނގުލާހެދި މަލާކު ފައިސާ ދައްކަން ދިޔައީ ކައުންޓަރަށް މާލެއިން ފުރަމުން ނަގާފައިވާ ލާރިންނެވެ.

މަލާކު ދިއުމުން އަނެއްކާވެސް ޒާއިރާ އުޅުނީ ކަމުދާ ކަހަލަ ފޮޓޯއެއް ނެގޭތޯއެވެ. އޭރު މަޣުރިބު ނަމާދު ގަޑި ފަސްދީ ދާތީ ވަރަށް ގިނަ މީހުން އެނބުރި ހިނގައްޖެއެވެ. އެހެންނަމަވެސް އެކި ހިސާބުގައި ޒުވާންފުރައިގެ ދެ ޖިންސްގެ ކުދިން އޭރުވެސް އުޅެއުޅެ ތިއްބެވެ. ޒާއިރާ ވެސް މަޑުމަޑުން ހިނގާލާފައި ގޮސް ރާޅު ޖަހާ ހިސާބުގައި މަޑުކޮށްލީ އުޑުމަތީގައި އެތުރި ކުލަ ބަދަލުވަމުންދިޔަ ވިލާތަކުގެ މަންޒަރަށް ސަމާލުކަން ދެމުންނެވެ. އަދި އަތުގައި އޮތް ފޯނު ނަގައި އެ ހިތްގައިމު ރަންގު ކުލައާ ގަދަ އަޅިކުލައާ ރީނދުލުގެ ކުލަ މަޑު ވިލާތަކުގެ މަންޒަރު ފޯނުގައި ރައްކާ ކުރުމުގެ މަސައްކަތުގައި އަވަދި ނެތި އުޅުނެވެ.

"ޒާއިރާ!' ޒާއިރާގެ ކަންފަތަށް އެ އަޑު އިވުނެވެ. އެއީ ފިރިހެން އަޑަކަށް ވިޔަސް ޒާއިރާގެ ސަމާލުކަމެއް އެ އަޑަކަށް ނުހުއްޓުނެވެ.

(ނުނިމޭ)