އެއްބައިވަންތަކަމާއެކު އީދުގެ އުފާވެރިކަން ވީއެންމެ ބޮޑަކަށް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދިވެހި ކުދިބޮޑު އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރައީސް މިކަމަށް އެދިވަޑައިގެންނެވީ، "އީދު އަލި" އިފުތިތާހު ކޮށްދެއްވައި ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން "ފައްވާރާ" މަރާމާތުކުރުމަށްފަހު މިރޭ ހުޅުވައިދެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައިވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ބޭނުންފުޅު ވަނީ އަޟުޙާ އީދާއި ފިތުރު އީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދިބޮޑު ހުރިހާ ފަރާތްތަކަށް އިހްސާސްކޮށްދެއްވަން ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު އީދަށް ތައްޔާރުވެ އެއްބައިވަންތަކަމުގެ އަޒުމު އާކޮށް، ހުރިހާ ފަރާތްތަކަކުންވެސް ޢީދުގެ އުފަލުގައި ބައިވެރިވުން އެދިވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިރޭ ރާއްޖޭގެ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތަކުގައި އިފުތިތާހްކުރި އީދުގެ ދިއްލުންތަކަކީވެސް އެ ބޭނުމުގައި ފެށްޓެވި މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އީދު އަލި" ރައީސް ރޭ އިފުތިތާހް ކޮށްދެއްވުމާއެކު ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައިވެސް މި ލައިޓްތައް ދިއްލިގެން ދިޔައެވެ. ޢީދު ލައިޓްތަކާއެކު ހިމެނޭ ސްޕީކަރު ސިސްޓަމުތަކުން ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައި ޢީދުގެ ތަކްބީރުތައް އިއްވަމުންދާނެއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް އަޟްޙާ އީދުގައި އީދުގެ ދިއްލުންތައް މިއަށްވުރެ ގިނަ ރަށްތަކަށް ގެންދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ. އަދި އަންނަ އަހަރު މާ ކުލަގަދަކޮށް މާ ގިނަ ރަށްރަށުގައި އީދު ފާހަގަކުރައްވާނޭ ކަމަށެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި އެމަނިކުފާނުވަނީ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން "ޖުމްހޫރީ ފައްވާރާ" ވެސް ހުޅުވައިދެއްވާފައެވެ.
މި ތަން އަލުން ހުޅުވައިދެއްވާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުކޮށް އަޅާނުލާ ދޫކޮށްލާފައި އޮތުމުގެ ސަބަބުން މި ތަނުގައި ކުރަންޖެހުނު މަރާމާތުތައް ކުރުމަށް ފަހުއެވެ.