އިޓާލިއަން ސެރިއާގައި އުދިނޭޒީ އަތުން ފަހަތުން އަރައި 2-1 އިން އިންޓާ މިލާނު މޮޅުވެއްޖެއެވެ.

އުދިނޭޒީގެ ދަނޑު ކަމުގައިވާ ބްލޫނާޖީ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންޓާއިން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެ ޓީމު ވަނީ އުޑިނެޒޭގެ ގޯލަށް ފުލުފުލުން އެތައް ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ އޮއިވަރާ ހިލާފަށް, އެންމެ ފުރަތަމަ ލީޑު ނެގީ އުޑިނެޒޭއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 40 ވަނަ މިނެޓުގައި ލަޒާރ ސަމާޒިޗްއެވެ. ސަމާޒިޗްގެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އުޑިނެޒޭ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އިންޓާ ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ހަކަން ޗަލަންގްލޫ ވަނީ އިންޓާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އިންޓާއަށް މެޗުގެ ނަތީޖާ އަނބުރާލެވުނީ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ޑޭވިޑް ފަރެޓްސީއެވެ. ފަރެޓްސީގެ ގޯލާއެކު އިންޓާ ވަނީ 2-1 އިން މެޗު ކާމިޔާބު ކޮށްފައެވެ.

މެޗުން މޮޅުވުމާއެކު އިންޓާއަށް ވަނީ ތާވަލުގެ އެއްވަނައިގައި 14 ޕޮއިންޓުގެ ލީޑެއް ގާއިމު ކުރެވިފައެވެ. އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު 31 މެޗުން ލިބުނު 82 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް ލިބިފައިވަނީ 68 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޔުވެންޓަސްއަށް ލިބިފައިވަނީ 62 ޕޮއިންޓެވެ.