''ބިންވެރިޔާ'' ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ލިޔުމެއް ދޫކުރަން ހައުސިންގ މިނިސްޓްރީން ފަށައިފިއެވެ.

އެ މިނިސްޓްރީން އެކަން ހާމަ ކުރައްވާފައިވަނީ މިނިސްޓްރީގެ ރަސްމީ 'އެކްސް'' އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގެއެވެ.

އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ބިން ލިބުނު ފަރާތްތަކަށް ލިޔުން ދޫކުރާނީ މިނިސްޓަރު ޑރ އަލީ ހައިދަރު އަހުމަދުގެ ނަމުގައި ކަމަށާއި މި ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެ ފޭސް ދޭކާއި އާއި ފޭސް ތިނެއް އަދި ގުޅިފަޅު އަދި ގިރާވަރުފަޅުން 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީވެސް ދޫކޮށް މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިންވެސް ވަނީ ހަވާލު ކޮށްފައިވެއެވެ.

ގިރާވަރުން ދޫކޮށްފައިވާ 1347 ގޯއްޗެއް, ގުޅިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވެއެވެ.