ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.

މި މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކަށާއި، އެގައުމުތަކުގެ އަހުވަންތަ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

މި މެސެޖުގައި، ބަރަކާތްތެރި ރަމަޟާން މަސް ނިމުނު ކަމުގައިވިޔަސް، އޯގާތެރިކަމާއި، ދީލަތިކަމާއި، އެއްބައިވަންތަކަމުގެ އުސޫލުތައް ނެގެހެއްޓުމުގެ މުހިންމުކަމާއި، މުސްލިމް އުއްމަތުގެ ސުލްހަމަސަލަސްކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެސް ވެއެވެ.

ރައީސް މި މެސެޖު ނިންމަވާލައްވާފައި ވަނީ، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަން، އަދި އުފާފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.